ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިޞުރުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީ، ރައީސްކަމުގެ އިތުރު ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މިޞްރުގެ ރައީސަށް މަރުޙަބާ ވިދާޅުވެ ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

އަދި މިޞްރުގެ ރައީސަށް މިލިބިވަޑައިގެންނެވި ކާމިޔާބީއަކީ، އެމަނިކުފާނު އެޤައުމުގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރައްވާ މަސައްކަތްޕުޅަށް ރައްޔިތުންގެ ފަރާތުން ލިބިފައިވާ އިތުބާރާއި ޔަޤީންކަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ދިވެހިރާއްޖެއާއި މިޞްރާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށާއި، މިޞްރުގެ ރައީސްގެ ރައީސްކަމުގެ އާ ދައުރުގައި ދެޤައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި މިޞްރުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި، ތަރައްޤީއާއެކު އުފާ ފާގަތި މުސްތަޤުބަލަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު