ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ މަރާލި މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މި ބައްދަލުވުން ބާއްވަން ތާވަލުކޮށްފައިވަނީ މިއަދު މެނދުރު 14:00 ގައެވެ. މަޖިލީހުގެ 241 ކޮމިޓީއަށް ރިޔާސީ ކޮމިޝަންގެ މެންބަރުން ހާޒިރު ކުރީ ރިލްވާން ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން އެ ކޮމިޝަނުން އެކުލަވައިލި ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ. މަޖިލީހުގެ ސަލާމަތީ ކޮމިޓީ (241 ކޮމިޓީ) ގެ މި ބައްދަލުވުމަށް މީޑިއާގެ ބޭފުޅުންނަށްވެސް ނުވަދެވޭ ގޮތަށް ވަނީ ވޯޓު ނަގައި ފާސް ކޮށްފައެވެ.

ކޮމިޓީގެ މި ބައްދަލުވުމަށް ވަޑައިގަތީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދުއާއި ކޮމިޝަނުގެ މެމްބަރ މިސްބާހު އައްބާސެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ އެ ކޮމިޓީ އަށް ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުން ހާޒިރުކޮށްފައެވެ. އެ ބައްދަލުވުންވެސް ވަނީ ސިއްރުކޮށްފައެވެ. މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމި، މަޖިލިސް ޗުއްޓީއަށް ގޮސްފައިވާ އިރުވެސް 241 ކޮމިޓީން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިލްވާން މަރާލާފައިވާ މައްސަލާގައި ތަހުގީގަށް ހުރަސް އެޅިކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހިމް ރިފްއަތު ވަނީ ރިލްވާން ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ދެއްކުމަށް ރިލްވާނުގެ ޕާސްޕޯޓް ކޮޕީއެއް ހޯދުމަށް އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާގެ އަރިހަށް ގޮސްފައެވެ. މި މައްސަލާގައި މި ދެ ބޭފުޅުން ހައްޔަރު ކުރުމުގެ ކޯޓް އަމުރެއް ހޯދަން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފަ އެވެ.

އެހެން ނަމަވެސް ފުލުހުން ބުނެފައިވަނީ އެ ދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކިތައް އެ ކޮމިޝަން އާއި ފުލުހުން ގުޅިގެން ކުރި ތަހުގީގަށް ލިބިފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

އާންމުންގެ ފާޑުކިޔުންތަށް މިކަމަށް އަމާޒުވެފައިވަނިކޮށް ކޮމިޝަނާ އޮފް ޕޮލިސް ރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ ކޮމިޝަނުތަކަށް ބާރުދޭ ގާނޫނުން ރިލްވާންގެ މައްސަލަ ބެލުމުގެ ބާރު ކޮމިޝަނަށް ވަދަލުކޮށްފައިވާތީ، ރިލްވާންގެ މައްސަލަ ތަހުގީގު ފުރިހަމަ ބާރާއި އިހުތިޔާރު ލިބިގެންވަނީ ރިޔާސީ ކޮމިޝަނަށް ކަމަށެވެ.

އެހެން ކަމުން އެ މައްސަލާގައި މީހަކު ހައްޔަރު ކުރުމުގެ އަމުރަކަށް އެދެވޭނީ ރިޔާސީ ކޮމިޝަނަށް ކަމަށާއި ފުލުހުންނަށް އެކަން ނުކުރެވޭނެ ކަމަށް ކޮމިޝަނަރ ވިދާލުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރޯ

    ތިޔަ ރިޕޯޓަކީ މައްސަލަ ހަގީގަތާ ދުރަށް ގެންގޮސް ވަޅު ޖައްސާލަން ތައްޔާރު ކުރި ރެޕޯޓެއް. ނިންމި ނަމަވެސް ސަރުކާރު ބަދަލުވާ ދުވަހަކު އަލުން ތިޔަ މައްސަަލަ ނަގާނަން ބަލާނަން

  2. އަނިޔާ

    މިބޮޑު ސިއްރު ހުރިހާމީހުންނަށް އެނގޭ ހާމަކޮށްފަ ސިރުކުރުން އެއީ ސީދާ ޔަހޫދީ ދަވްލަތް ތަކުގެ ކަމެއް

  3. ކޮރަލް

    ރައްޔިތުން ގެ މަޖްލީހުން ނޫސްވެރީން ނުވައްދާ ސިއްރު ބައްދަލު ވުން ބޭއްވުން ގަބޫލެއް ނުކުރެވެއެވެ.

  4. Anonymous

    ތިކޮމިޓީ އަކީ މުރުތައްދުން ތިބި ކޮމިޓީއެއް