ލ.އަތޮޅު ގަމުގެ ތުނޑީ އަވަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އައު ކޭބަލެއް އަޅަން ފަށައިފިއެވެ.

ގަމުގެ ތުނޑީ އަވަށަށް ކަރަންޓްގެ މައްސަލަ ދިމާވެފައި އޮންނަތާ ދެތިން މަސް ފަހުން ޖަނަރޭޓަރެއް ގެންގޮސް މިހާރު ވަނީ ވަގުތީ ގޮތުން ކަރަންޓްގެ މައްސަލަ ހައްލުކޮށްފައެވެ.

ގަމުގެ ހުރިހާ އަވަށަކަށް އެއް އިންޖީނުގެއަކުން ކަރަންޓު ފޯރުކޮށް ދިނުމަށްޓަކައި ބޭނުންވާ ސާމާނުވެސް މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ.

ގަމުގެ ތުނޑީ އަވަށުގައި މައްސަލަ ދިމާވެފައިވާ ލިންކް ރޯޑް ސަރަހައްދުގައި އަޅާފައިވާ ކޭބަލް ބަދަލުކޮށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި ފެނަކަ ޓީމުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަސައްކަތް ކުރަން ފަށައިފައެވެ.

ގަމަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އާއި ގުޅިގެން ގުޅިގެން ގަމު ދާއިރާގެ މަޖިލިސް މެމްބަރު، މުހައްމަދު ވިސާމް ޕީއެސްއެމް އަށް ވިދާޅުވީ ގަމުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ ގަމުގެ ތިން އަވަށް އެއް ނެޓްވޯކަކުން ގުޅާލެވިގެން ކަމަށެވެ.

އެކަން ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް އައިސްފައިވާ ކަމަށާއި މިމަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިމި ޚިދުމަތް ދެވޭ ވަރުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ގަމުގެ ހާލަތު ރަނގަޅުކޮށް ރަށް ކުރިއަރުވާ ތަރައްގީ ކުރުމަށް ސަރުކާރާއި ކައުންސިލާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށް ބައެއް މަޝްރޫއުތަކާއި ބެހޭ ގޮތުން ވާހަކަ ދެކެވި، ދިރާސާތައްކޮށް ޑްރާފްޓް ކުރެވެމުން އަންނަ ކަމަށް ވެސް ވިސާމް މައުލޫމާތު ދެއްވާފައިވެއެވެ.