ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް) ގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝާހިދު ރަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރަން ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ޝާހިދު ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޝާހިދު ރަޝީދު ހޯދަން މިދިޔަ ޖުލައި މަހު ވެސް ފުލުހުން އިއުލާން ކުރިއެވެ. އެފަހަރު ވެސް އޭނާ ހޯދަން އިއުލާން ކުރީ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެންނެވެ.

ޝާހިދު ރަޝީދުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ،

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގިޓާ

    ތިގޮތަށް ފިލީމާ މެންބަރަށް ވެސް ޤައުމަށްވެސް ހަޑި ދަރަނިވެރި ވުމަކީ ކޮންމެ މީހަކަށްވެސް ވެދާނެ ކަމެއް ރަނގަޅު ގޮތުގައި ކުރިޔަށްދޭ އޭރުން ރަގަޅުވާނެ

    12
    2