އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) މެންބަރުކަމަށް، 4 ބޭފުޅުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސާލިހު މިައަދު އެ ކޮމިޝަންގެ މެންބަރަކަށް އައްޔަނުކުރައްވާފައި ވަނީ އަލްއުސްތާޛާ ފާޠިމަތު އަނޫލާ އާއި މަރްޔަމް ޝިއުނާ، ޢާއިޝަތު ޢަބްދުﷲގެ އިތުރުން ޢަލީ އަޝްރަފުއެވެ.

އޭސީސީގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ.

ފާޠިމަތު އަނޫލާ އެންމެފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ޕްރެޒިޓެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައެވެ. އަނޫލާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައެވެ.

މަރްޔަމް ޝިއުނާ އެންމެ ފަހުން އަދާކުރެއްވީ ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމެވެ. ޝިއުނާ އަންނަނީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ޢާއިޝަތު ޢަބްދުﷲ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އޯޑިޓް އެގްޒެކެޓިވްގެ މަޤާމުގައެވެ. ޢާއިޝަތު ޢަބްދުﷲ ވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ޤައުމީ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައެވެ.

އޢަލީ އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓަރ އޮފް މާރކެޓިންގެ މަޤާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޢަލީ އަޝްރަފު އަންނަނީ ޔުނިވަރސިޓީ އޮފް ވެސްޓަރން އިންގްލެންޑުގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.

މިރަސްމިއްޔާތުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ މި ހަތަރު ބޭފުޅުންނާއި ހަވާލުކޮށްދެއްވާފައެވެ.