ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މީސްމީޑިއާގައި ހަރަކާތްތެރިވާ ޔޫކްރޭންގެ މަޝްހޫރު މީހުންގެ ޓީމެއް ރާއްޖެއަށް އަތުވެއްޖެއެވެ.

މި ޓީމުން ރާއްޖެއަށް އައިސްފައި މިވަނީ، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމުގެ ގޮތުން ރާއްޖޭގެ ޓުއާއޮޕަރޭޓަރެއް ކަމަށްވާ "ރިސޯޓް ލައިފް" އިން އިންތިޒާމުކޮށް ހުޅުވާލި ފުރުސަތެއްގައެވެ.

މި ޓީމު ރާއްޖެއަށް އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. 45 މީހަކު ހިމެނޭ މި ޓީމު ރާއްޖެއަށް އައުމުން އެފަރާތްތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، އެފަރާތްތަކަށް މަރުހަބާ ދެންނެވުމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވެސް އެއާޕޯޓަށް ވަޑައިގެންނެވި އެވެ.

ހަފްތާއެއްހައި ދުވަސް ވަންދެން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މި ޓީމުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވާއިރު، އެމީހުން ތިބޭނީ ހޮޓެލް މޯލްޑިވްސް އާއި ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ޔޫކްރޭންގެ ޓީމެއް ރާއްޖެއަށް ގެނެސްފައިވާއިރު، މިދިޔަ އަހަރާއި އަޅާ ބަލާއިރު ރާއްޖެއަށް އެޤައުމުން ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް ވަނީ 12.6 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިއަހަރު ޖުލައި މަހުގެ ނިޔަލަށް ވެސް އެޤައުމުން ރާއްޖެއަށް 7623 ފަތުރުވެރިއަކު ޒިޔާރަތްކޮށްފައި ވެއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ރިސޯޓުތަކާއި ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މީސްމީޑިއާގައި މަޝްހޫރު ބޭރު މީހުން ގެނެސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ×ޗ

    އެކަމު ގިނައިން ފެންނަނީ ދިވެހިން

  2. ސައްދާމް

    ދައުލަތުގައި ބާކީހުރި ފައިސާކޮޅު ހިލާލާން އޮތީ މަދުދުވަސްކޮޅެއްކަން ހާމަވަމުން މިދަނީ. ރައީސް މީހާ ސަރުކާރު ވައްޓާލާން އުޅޭކަމުގެ ނިޝާންތައް އެބަދޭ.