ފުވައްމުލަކު ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ފުވައްމުލަކުގެ ތިން ސަރަހައްދަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ހުއްދަ ދިނުމަށް ފުވައްމުލަކު މެދު ދާއިރާއިން ޣާޒީ މަގު، ފުވައްމުލަކު ދެކުނު ދާއިރާއިން މުހައްމަދު ޖަމާލުއްދީން މަގު އަދި އުތުރު ދާއިރާއިން ގެއްމިސްކިތް މަގު ސަރަހައްދުވަނީ ކަނޑައަޅާފައެވެ.

މި ސަރަހައްދުތަކުގައި 24 ގަޑި އިރު ވިޔަފާރި ކުރަން އެދޭނަމަ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އަށެވެ. އެކަމަށްއެދި ހުށަހަންޖެހޭ ފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ފިހާރަތަކާއި ރެސްޓޯރަންޓްތައް 24 ގަޑިއިރު ހިންގުމުގެ ހުއްދަ ދޭން ފަށާފައިވާއިރު، މާލޭގެ ބައެއް ވިޔަފާރިތަކަށާއި ހުޅުމާލޭގެ ބައެއް ވިޔަފާރިތަކަށް މިހާރު ވަނީ ހުއްދަ ދީފައެވެ. އަދި އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ހިންގުމަށްވެސް ވަނީ ހުޅުވާލާފައެވެ.

މި މަސައްކަތަކީ މި ސަރުކާރުން މިދިޔަ މާޗް މަހުގައި ފަށާފައިވާ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރޭގައި މިހާތަނަށް ވަނީ 14 ތަނަކަށް އެ ހުއްދަ ދީފައެވެ. އަދި ހުއްދަ ދެވެނީ ދެ އަހަރުގެ މުއްދަތަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުފައްކިރު.

    ސައުވީސް ގަޑީގައި ވިޔަފާރި ކުރުމުގެ ޚިދުމަތް ދިނުމުގެ ބޭނުމަކީ ކޮބަތޯ؟ ހަމަ ޔަގީނުންވެސް އިތުރުވާ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސް އަދި އިތުރު ޚިދުމަތް ތަކަށް ދޭން ޖެހޭ ފައިސާ ކަަވަރ ނުކުރެވޭނެ. އަނެއްކާ އެއްފިހާރައިން ގިނަ މުދާ ލިބޭ ގިނަ ފިހާރަތައްވެސް ޢާއްމު ކުރި ސަރަޙައްދުގަ ނުހިމެނޭ.