ރާއްޖޭގެ ގިނަ ރަށްރަށުގައި މަސައްކަތް ހުއްޓިފައިހުރި ހައުސިންގ ޔުނިތްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްެއެމްއަށް ދެެއްވި އިންޓަވިއެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚާލިސް ވިދާޅުވީ އާ ސަރުކާރު ހަވާލުވިއިރު މަސައްކަތް ފުރިހަމަ ނުކޮށް، މަސައްކަތް ހުއްޓާލާފައިވާ ހައުސިންގ ޔުނިތްތައް ގިނަ ރަށްތަކުގައި ހުރިކަމަށެވެ.

އަދި މިހާރު އެހެން ހުރި ހުރިހާ ރަށެއްގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ދިއްދޫ، ކުޅުދުއްފުށި، ތުޅާދޫ، ފުވައްމުލައް އަދި ގއ، ގދއާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކުގައި ނުނިމި ހުރި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރެވެމުންދާ ކަން އޭނާ ފާހަގަކުރިއެވެ.

ޚާލިސް ވިދާޅުވީ ހައުސިންގ ޔުނިޓް އަޅަންފެށި ގިނަ ރަށްތަކުގައި ނިންމާފައިހުރީ ސިވިލް މަސައްކަތް، ނުވަތަ ކޮންސްޓްރަކްޝަންއާއި ގުޅުންހުރި މަސައްކަތްތައް އެކަނި ކަމަށެވެ. ނަމަވެސް ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ މަސައްކަތްތައް އެއްގޮތަކަށްވެސް ނުފަށާ ހުރި ރަށްތަކާއި، އަދި މަސައްކަތް ހުއްޓިފައި ހުރި ރަށްތައް ގިނަ ކަމަށް އޭނާ ފާހަގަކުރިއެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ނުނިމިހުރި ރަށްތަކުގައި އެ މަސައްކަތް ކުރުމަށް މިހާރު ކުންފުނިތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާމިނަ

    ހުސް ދޮގު. ނިކަން ބަލާބަލަ ކުޅުދުއްފުށި ރޯހައުސްތައް ވެސް. ހަމަ މަސައްކަތް 2013 ގައި ހުއްޓިފައި ހުރި ގޮތަށް އަދިވެސް އެހެރީ. ނިކަން ބަލާބަލަ ހަދާ ދޮގުވެސް ދޯ!