ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ވިލަރެސްކުރުމަށް ޓަކައި ދައުލަތުގެ އިދާރާތަކުން ކަނޑައަޅުއްވައިފައިވާ ފޯކަލް ޕޮއިންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ޖެންޑާ މިނިސްޓްރީން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ޖުމުލަ 15 އިދާރާއަކުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމްގައި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް (ސީ.އާރު.ޕީ.ޑީ)އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނާއި މި ދާއިރާއާ ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވިފައިވެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ޙުސައިން ވިދާޅުވީ، މިއީ މި ދާއިރާގެ ފޯކަލް ޕޮއިންޓުން ތަމްރީނުކުރުމުގެ ގޮތުން ބޭއްވޭ ފުރަތަމަ ޕްރޮގްރާމް ކަމަށާއި، މި ޕްރޮގްރާމްގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ބަޔާންކުރާ ޙައްޤުތައް ކަށަވަރުކުރުމަށް ޓަކައި ދައުލަތުގެ އެންމެހައި ވުޒާރާތަކާއެކު ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އަދި ޤާނޫނުގައި އިދާރާތަކާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބާރުއެޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި މިނިސްޓްރީތަކަކީ ހެރިޓޭޖް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، ހެލްތް މިނިސްޓްރީ، ހައުސިންގ މިނިސްޓްރީ، ޕްލޭނިންގ މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ، އަދި ޔޫތް މިނިސްޓްރީއެވެ.

މީގެ އިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ސިވިލް ސަރވިސް ކޮމިޝަން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވެސް ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒީ

    * ތީމަށަށް ވަރަށް ބޮޑަށް އުނިވެފަ އިންސާފެއް ނުލިބުނު ވަރަށް ހިތްދަތިވި މައްސަލައެއް !
    * ތިކަމުގެސަބަބުން އަހަރެން ބާކީވާން ޖެހި!
    * ތިކަމެއްގެ ހިތާމަ އުމުރަށް ކުރާނެ ކަމެއް!
    * އެއަނިޔާވެރިވި މީހުން އެފަދަ ހިތާމައެއް
    އުފުލަން ޖެހުމުން އިހުސާސް ވާނީ ކިހާ އިހާނެތި ކޮއް ކަން ކުއްޖަކާ ދޭތެރޭ މިކުރެވުނީ!
    *އަހަރެންގެ މާފު ދުވަހަކުވެސް އެބަޔަކަށް ނުލިބޭނެ!