އެކި އެކި ސަބަބުތަކާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ބައެއް ސިޔާސީ ކުއްވެރިން ދޫކޮށްލުމަށް ގޮވާލައި މިރޭ މާލޭގައި ބިލްބޯޑެއް ހަރުކުރުމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ނިންމައިފިއެވެ.

މިކަން ހާމަކޮށް މިއަދު މ. ކުނޫޒުގައި ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، "ސަރުކާރުން ހިންގާ ޖަރީމާތަކާއި، ވައްކަމުގެ ވާހަކަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދައްކާނެ" ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރު ހަމަ މަގަށް އެޅުވުމަށް މިހާތަނަން ކުރި މައްސަކަތްތަކުގެ ތެރެއިން 40 އަށް ވުރެ ގިނަ ދިވެހި ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށާއި، ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި މިރޭ ކުނޫޒު ކުރިމަތީގައި ހާއްސަ ބިލްބޯޑެއް ހަރުކުރުން އޮންނާނެ،" އިންތި ވިދާޅުވިއެވެ.

އިންތި ވަނީ މި ހަރަކާތުގައި އިސްލާހީ މަސައްކަތަށް ތާއީދު ކުރާ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ގޮވާލާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިދިކޮޅު ހަރަކާތްތައް ވަރުގަދަކޮށް، އަންނަ ހުކުރު ދުވަހު ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީގައި ވެސް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދާނެކަމަށް އިންތި ވިދާޅުވިއެވެ.

ސިޔާސީ ބޭނުމެއްގައި އިދިކޮޅު ފަރާތްތަކުން، ކުއްވެރިވެ ބަންދުކޮށްފައިވާ ގައިދީންތަކެއް ދޫކޮށްލުމަށް ގޮވާލާ ބިލްބޯޑެއް ހަރުކުރުމަށް ނިންމާފައިވާއިރު، އެއީ މަނާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. އެކެއް ފެބްރުއަރީގައި ރިޝްވަތުގެ ނުބައި ރޭވުމެއްގެ ތެރެއިން ސުޕްރީމް ކޯޓުން ކުރި ކުއްލި އަމުރަކަށްފަހު، އިދިކޮޅު ފަރާތްތަކުން ރާއްޖެއަށް ބަޣާވާތެއް ގެނައުމަށް މަސައްކަތްކޮށްފައިވާއިރު އެކަން ވަނީ ނާކާމިޔާބު ވެފައެވެ. އަދި އެއަށްފަހު އެފަރާތްތަކުން ބާއްވާ އެއްވުންތަކާއި ސިޔާސީ ޙަރަކާތްތަކަށް ޢާންމުންގެ މާބޮޑު ސަމާލުކަމެއް ލިބެމުން ނުދާކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެފައިސާ މިފައިސާ

    ތިކަމެއް ނުވާނެ. ބިލްބޯޑް ހަރުކުރަންދޭ އަންނި އުޅޭތަނައް. މޮޔަކުދިންތަކެއް ހުވާ!!

  2. ރަނދަ

    މިހާ މޮޔަ ބަޔަކު ނުދެކެން. ކުއްވެރިން ދޫކުރުމަށް ގޮވާލުވަކީ އިންސާނިއްޔަތާ ޚިލާފު ޢަމަލެއް. އެހެންކަ.ުން އަމަން ބަލަހައްޓާ ހުރިހާ ފަރާތްތަކަށް އެ މީހުން ހުއްޓުވާ ޤައުމު އަމަން އަމާންކަންމަތީ ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރއްވާށޭ.

  3. ޢަހުމަދު

    ގޮތް ހުސްވެގެން، ހަދާނެ ގޮތް ހުސްވެގެން، ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން، ދޮންމީހުން ކުރާ ކަމެއް ކޮށްލަން ކުރާކަމެއް! ރާއްޖޭގެ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގާފައިވާ ބައަކު، ދޫކޮށްލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ!