ދައުރުން ބޭރުން ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ މާދަމާ ހެނދުނު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މާދަމާ ހެނދުނު 10:00 ގައި މި ޖަލްސާ ބާއްވާއިރު، ޖަލްސާގެ އެޖެންޑާގައި އޮތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިއުން އިއްވުމެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހް ހުށަހަޅުއްވާފައި ވަނީ ހެންވޭރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އެެވެ.

މާދަމާ އެޖެންޑާގައި އޮތީ އެކަން އެކަންޏެވެ.

ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ނިންމައި އެކަން ހުށަޅާފައި ވަނީވެސް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންނެވެ.

ރައްޔިތުންގެ މަޖިލިސް މިދައުރަށް ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވި ފަހު ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މަޖިލިސް ޗުއްޓީއަށް ދިޔަކަމުގައި ވީނަމަވެސް ކޮންމެފަދަ ހާލަތެއްގައިވެސް މަޖިލިސްގެ ޖަލްސާއެއް ބާއްވަން ޖެހިދާނެކަމަށް ވިދާޅުވެފައެެވެ.

ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ފަހު މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ޓެރަރިޒަމް ގާނޫން އާއި ޖިނާއި އިޖުރާތުގެ ގާނޫނު ވީހާވެސް އަވަހަަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

"މިހާރު ރާއްޖޭގައި ތަހުޤީގު ކުރެވެމުންދާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށާއި ތަހްހީގުތައް ކުރިޔަށް ގެންދިޔުމަށް ބައެއް ގާނޫނުތައް ބަދަލު ގެންނަން ޖެހޭ" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އެ ދުވަހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިމައްސަލައާއި ގުޅޭގޮތުން ބަހުސް ކުރުމަށް ބިލް ފޮނުވާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ހުށަހެޅުމުން 14 ދުވަސް ކުރިން ޖަލްސާ ބާއްވަންޖެހެއެވެ.