ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހިންގި މާރާމާރީގައި މަރާލި މުހައްމަދު އަނަސްގެ މަރަށް އިންސާފު ހޯދައި ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ، މިހާރު ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫއަށް ޒިޔާރަތް ކުރުމުން ރަށުގެ ރައްޔިތުން ރައީސް އާ ވަކިން ބައްދަލު ކުރައްވައި ހާއްސަ މައްސަލައެއްގެގޮތުގައި،އަނަސްގެ މަރުގެ މައްސަލަ ފާހަގަ ކުރައްވައި އެމައްސަލަ ބައްލަވައި ދެއްވައި އިންސާފް ހޯއްދަވައިދެއްވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގެންނެވުމުންނެވެ.

އަނަސްގެ ޢާއިލާއާއި ރަށުގެ ހެޔޮއެދޭ ރައްޔިތުންނަށް ހިތްވަރު ދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި މައްސަލަ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންގެންދާކަން ހާމަކުރައްވާފައެވެ. އަދި އަނަސްގެ ޢާއިލާއަށް އިންޞާފު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަނަސް

މިއަދު މެންދުރު މީދޫ ސްކޫލްގައި އެމަނިކުފާނު ވަނީ އެރަށު ކައުންސިލާއި އަދި މުއައްސަސަތަކާއި ބައްދަލު ކުރައްވާފައެވެ.

މިބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތަކާއި މުޢައްސަސާތަކާ މިގޮތަށް ގާތުން ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ކައުންސިލާއި ރައްޔިތުންނާއި ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅުންހުރި ކަންކަން ގާތުން ބެއްލެވުމާއި އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ބަޖެޓުގައި ހިމެނުމަށް ކައުންސިލުތަކާއި މުޢައްސަސާތަކުން ބޭނުންވާ ކަންކަމާއި އެކަންކަން ކުރިއަށް ގެންދިއުމުގައި އެބޭފުޅުން އިސްކަންދެއްވާ ތަރުތީބު އޮޅުންފިލުއްވައި މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.

އަދި ލާމާރުކަޒީ ޤާނޫނަށް ގެނެވޭ އިސްލާހުތަކާއެކު ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ކަންކަން ކުރިއަށް ގެންދިއުމަށް ލިބޭނެ ފަސޭހަ ތަކުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމާއި މި އިޞްލާހުތަކާއެކު ކައުންސިލުތަކުން އަދާކުރަންޖެހޭ ޒިންމާތަކުގެ މަޢުލޫމާޠު ކައުންސިލުތަކާ ޙިއްޞާކުރެއްވުމަކީވެސް މިބައްދަލުކުރެއްވުމުގެ އެއް ބޭނުންފުޅު ކަމުގައި ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އެގޮތުން ރަށުގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރުމާއި، ކުނީގެ މައްސަލަ ޙައްލުކުރުމާއި، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމުގެ އިތުރުން ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާބެހޭ މަޢުލޫމާތު ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުން ހިއްސާކޮށްފައި ވެއެވެ.

މީގެ އިތުރުން ރަށުގެ މަގުތައް ހެދުމާއި ރަށުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކުރުމަށް ރައްޔިތުން ބޭނުންވާކަމަށާއި، އަދި ރަށުގައި އިޖްތިމާޢީ ގޮތުން ޙަރަކާތްތެރިވާ ޖަމުޢިއްޔާތަކަށް ދިމާވާ ގޮންޖެހުންތަކާއި، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ މިނޫން އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ކައުންސިލަރުންނާއި މުޢައްސަސާ ތަކުގެ އިސް ވެރިން ރައީސް އާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ މީދޫ ކައުންސިލާއި މުޢައްސަސާތަކުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތަކާއި ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީޚުތައް ޙިއްޞާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންބެ

    ތިކަމެއްނުވާނެ. ރިޟުވާން މަރާލި މީހުން ހޯދޭތޯ އެހާވަރުން އެއުޅެނީ ސަބަބެއް ނެތިއެއްނޫން. އެއީ ރިޟުވާނަކީ މިނިވަން ފިކުރުގެ މީހަކަށްވާތީ. އަނަސް އަކީ މިނިވަން ފިކުރުގެ މީހެއްނޫން.

    23
    2
    • ހުދުހުދު

      ކޮން މިނިވަން ފިކުރެއްތަ؟ ކެނެރީގެ ޔަހޫދީގެ ލާދީނީ ފިކުރޭ ކިޔާބަލަ

      17
      2