މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ގޭސްފުޅިއެއް ގޮވައި، ހަމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 7:15 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އެ ހަ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ ހަތަރު ދިވެއްސަކާއި ދެ ބިދޭސީއަކަށެވެ. އޭގެ ތެރެއިން ބައެއް މީހުން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ބުންޏެވެ.

"ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ ގޭސް ފުޅި ގޮވާފައި ވަނީ އައްޑޫ ސިޓީ ހުޅުދޫ، ބެސްޓް ލައިން ނަމަކަށް ކިޔާ ބޯޓެއްގައި ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ގޭސްފުޅިއެއް ނެގުމަށްފަހު ބޯޓުގެ ފަލްކާ ތެރެއަށް ގޮސް، އެ ގޭސް ފުޅި އުފުއްލި ގަޑީގައި ގޭސްފުޅީގެ ކޮޅުގައި އިން ތަންކޮޅެއް ބިންދައިގެން ދިޔުމުން، ގޭސްފުޅި ގޮވާ އެއިން އަލިފާން ރޯވެގެންނެވެ.

"ފުލްކޮށްފައި އިން ގޭސްފުޅިއެއް ވީމަ، ނެއްޓުނު ގަޑީގައި އަލިފާންވެސް ރޯވީ، ދެން ފުޅި ކޮންޓްރޯލް ނުވެ މީހުންގެ ގައިގާ އަލިފާން ރޯވީ". މައުލޫމާތު އިނގޭ މީހަކު ބުންޏެވެ.

މި ހާދިސާ އަނިޔާވެފައި ވަނީ ބޯޓުގެ ފަލްކާ ތެރޭގައި އެވަގުތު ތިބި މީހުންނަށެވެ.