ރާއްޖޭގެ ސިއްހީ ކަންކަމަށް ކުރެވޭ ހޭދަ އަންދާޒާ ކުރުމަށާއި، ސިއްހީ ވަސީލަތްތައް ބެހިގެންދާ ގޮތް ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ މޯލްޑިވްސް ނޭޝަނަލް ހެލްތް އެކައުންޓްސް 2015-2017 މިއަދު އިފްތިތާހުކޮށްފިއެވެ.

ނޭޝަނަލް ހެފްތް އެކައުންޓްސް އިފްތިތާހު ކޮށްދެއްވީ، ހޮޓެލް ޖެންގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީނެވެ.

މި އީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ދުނިޔޭގެ އެކި ގައުމުތަކުން ބޭނުންކުރަމުން ގެންދާ ހާއްސަ ފްރޭމްވާކް އެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ނޭޝަނަލް ހެލްތް އެކައުންޓް 2015-17 އަކި ހެލްތް މިނިސްޓްރީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގުޅިގެން މިފަދަ ރިޕޯޓެއް ޝާއިއު ކުރާ ތިންވަނަ ފަހަރެވެ.

މި ރިޕޯޓްގެ ނަތީޖާތަކުން ދައްކާ ގޮތުގައި 2017 ވަނަ އަހަރު ރާއްޖޭގެ ސިއްހީ ކަންކަމަށް 6000 މިލިޔަން ރުފިޔާއަށްވުރެ ގިނައިން ހަރަދު ކޮށްފައިވެެއެވެ. އޭގެ ތެރޭގައި 77 ޕަސެންޓަކީ ސަރުކާރުން ސިއްހަތައް ކޮށްފައިވާ ހަރަދުތަކެވެ.

ސިއްހީ ހަރަދުތަކުގެ 60 އިންސައްތަ ޑޮކްޓަރަށް ދެއްކުމަށް ހޭދަކުރެވިފައިވާއިރު އެޑްމިޓް ކުރުމަށް ހޭދަވެފައިވަނީ 19 އިންސައްތައެވެ. މީގެ އިތުރުން 2017 ގައި ސަރުކާރުގެ ބަޖެޓުގެ 32.3 އިންސައްތަ ހޭދަކުރެވިފައިވަނީ ސިއްހީ ދާއިރާއަށެވެ. ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ސަރުކާރުގެ ބަޖެޓުން ސިއްޙަތަށް ހޭދަކުރެވިފައިވާ މިންވަރަށް ބަލާއިރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ދިވެހި ރާއްޖެއެވެ.

މި ރިޕޯޓްގެ ހޯދުންތުގެ އަލީގައި ސިއްހީ ދާއިރާއަށް ކުރާ ހޭދަ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.