ބާވެ ހަލާކުވުމުގެ ސަބަބުން އާންމުންނަށް ނުރައްކާވާނެ ކަމަށް ބެލެވޭ 11 އިމާރާތެއް ފާހަގަކުރެވިފައިވާކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއިން ބުނެފިއެވެ.

މިއަދު ޕްލޭނިންގް އެންޑް ހައުސިންގް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމެންޓް ޑިޕާޓްމެންޓް (ސީއައިޑީޑީ) ގެ ޑިރެކްޓަރ ޖެނެރަލް އަހްމަދް ތޮލްހަތު ވިދާޅުވީ، މާލޭގައި ނުރައްކާތެރި 11 އިމާރާތެއް ހުރިކަމަށާއި، އެ އިމާރާތްތަކުގެ އެސެސްމަންޓް ހަދައި، ރިޕޯޓު ތައްޔާރުކޮށް، ފިޔަވަޅުމަށް މާލެ ސިޓީ ކައުންސިލަށް ފޮނުވާފައިވާކަމަށެެވެ.

މި އިމާރާތްތަކުގެ ތެރޭގައި ހިމެނެނީ އާއްމުންގެ ގެތަކާއި، ސަރުކާރުގެ ގިނަ އޮފީސްތައް ހިމެނޭ ހުރަވީ ބިލްޑިންގއެވެ.

" އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ހުރަވީ ބިލްޑިންގައި ވާ އެކި އޮފީސްތައް ރީލޮކޭޓް ކުރުމުގެ މަސައްކަތް. ރީލޮކޭޓް ކުރުމަށް ތަން ހޯދުމަށްވެސް ގެޒެޓުގައި އިއުލާނުވެސް ކުރެވިފައިވާނެ. ހުރިހާ އިދާރާއެއް ރީލޮކޭޓް ކުރުމަށްފަހު އަޅުގަނޑުމެންގެ ވިސްނުމުގައި އޮތީ އެތަން ތަޅާލުން" ތޮލްހަތު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ފާހަގަ ކުރެވިފައިވާ ބާ އިމާރާތްތަކާއި މެދު ފިޔަވަޅު އެޅޭނޭ ގޮތްވެސް ފާހަގަކޮށްލައިފައިވެއެވެ.

"ވަރަށް ބަލި ނުރައްކާތެރި ގެޔެއްކަމަށް ފާހަގަ ކުރެވެއްޖެނަމަ އެ ގެޔެއްގެ ވެރިފަރާތާއި ވާހަކަ ދައްކާގެން އެކަންތައް ހައްލު ކުރަން މަސައްކަތް ކުރާނަން. އޮފީހެއް ވެއްޖެންމަ އޮފީހުގެ އިދާރާޔާއި ރަސްމީކޮށް ބައްދަލު ކޮށްގެން މިކަމާއި ވާހަކަ ދެއްކޭނެ. މި ވަރުންވެސް ރަނގަޅު ނުވެއްޖިނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަންޖެހޭން. " ތޮލްހަތު ވިދާޅުވިއެވެ.

ހުރަވީ ބިލްޑިންގ ހުސްކުރުމަށްފަހު އެތަން ތަޅާލާ ދެން އެބިމުގައި ކުރާނީ ކޮންކަމެއްތޯ ޕްލޭންނިންގް މިނިސްޓްރީއިން ދަނީ މަޝްވަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހއ

    ކޮބާ ޤާޞީ ބިލްޑިންގް

    • ޤާޞީ ބިލްޑިންގް

      ޤާޞީ ބިލްޑިންގް ކިޔާ ބިލްޑިންގެއް ހުންނަނީ ކޮންތަނެއްގައިބާ؟

  2. ވީރާނާވާއިމާރާތް

    ޣާޒީ ބިލްޑިންގަކީ ހުރަވީ ބިލްޑިންގަށްވުރެ ވެސް ދުވަސްވީ ބާ އިމާރާތެއް! އަޑުއިވިފައިވާ ގޮތުގައި އެ އިމާރާތުގައި ހިންގަމުން ދިޔަ ގިނަ އޮފީސްތައް ވެލާނާގެއަށް ނުވަތަ އެހެން ކޮންމެވެސް އިމާރާތަކަށް ބަދަލުކުރުމަށްފަހު، ޣާޒީ ބިލްޑިންގުގެ ހާލަތު ހުރި ގޮތުން އެ ތަނުގައި އޮފީސް ނުހިންގަން ވެސް ނިންމި. ނަމަވެސް އެމްޑީޕީގެ ކުރީގެ ސަރުކާރުން ޣާޒީ ބިލްޑިންގަށް އަލުން އޮފީސްތައް ބަދަލުކުރީ. ފުރަތަމަ ބަދަލުކުރީ އޮޑިޓަރޖެނެރަލްގެ އޮފީސް.