މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފެރީތަކުގައި ޕްލާސްޓިކް ހޮޑު ކޮތަޅު ބޭނުން ކުރުން ހުއްޓާލައި ކަރުދާސް ކޮތަޅުތައް ބޭނުންކުރަން ފަށައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މީގެ ކުރިން ފެރީތަކުގައި "ހޮޑު ކޮތަޅު" ގެ ގޮތުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރި ނަމަވެސް މިއަދުން ފެށިގެން ބޭނުންކުރާނީ ކަރުދާސް ކޮތަޅު ކަމަށެވެ. މި މަސައްކަތަކީ އެ ކުންފުނިން ތިމާވެއްޓާއި ރައްޓެހި ގޮތް އިހުތިޔާރު ކުރުމަށް ކޮށްފައިވާ މަސައްކަތެކެވެ.

އެފަރާތުން ބުނެފައިވަނީ މިހާރު އެކުންފުނީގެ ފެރީގެ ހިދުމަތް ދުވާލަކު 26000 މީހުން ހޯދާއިރު މިއީ އަހަރަކު 9.5 މިލިއަން މީހުން ކަމުގައެވެ.

މުރަކަތަކުގެ އިތުރުން ކަނޑުގައި އުޅޭ މަސްމަހާމެއްސާއި އެހެން ދިރޭ ތަކެއްޗަށް ޕްލާސްޓިކްގެ ސަބަބުން ބޮޑެތި ގެއްލުންތައް ވެއެވެ. ޕްލާސްޓިކް ކެވުމުން އެތަކެތީގެ ގޮހޮރަށް ގެއްލުންވެ މަރުވެއެވެ. ހަމަ އެހެންމެ ކަނޑަށް ޕްލާސްޓިކް އެޅުމުން ފަރުތަކަށް ހީވެސްނުކުރާހާ ބޮޑު ގެއްލުންލިބި އެތަކެތީގެ ދިރުން ގެއްލެއެވެ.

ބައެއް ފަރާތްތަކުން އަންނަނީ ޕްލާސްޓިކް ބޭނުން ކުރުމުގެ އަދަދު މަދު ކުރަމުންނެވެ. އެގޮތުން ބައެއް ސަރުކާރު އޮފީސްތަކުގައިވެސް މިހާރު ވަނީ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުން ކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޮޑުލާ

    ދެން ކަރުދާސް އުފައްދަން ކިތައް ގަސް ކަނޑާނަގަން ޖެހޭނެބާ؟ ކަރުދާސް އުފައްދަން ކިތައް ލީޓަރު ތެޔޮ ބޭނުންވާނެބާ؟ އަނެއްކާ ކަރުދާސް އުފައްދަނީ ވައިގެތެރެއިންބާ؟ ކަރުދާސް ބޭނުން ކުރިޔަސް ޕްލާސްޓިކް ބޭނުން ކުރިއަސް ޖެހޭނީ އެއްތަނެއްގައި. މިހާރު ޕްލާސްޓިކްގައިވެސް ހުރޭ ތިމާވެއްޓާ ގުޅޭ ޕްލާސްޓީކްވެސް.އެބޭނުން ނުކުރަނީ ކީއްވެ؟ ކަރުދާހަށް ހޮޑުލާފަ ލީކްވެ މުޅިގައިގައި ހޭކިއްޖެޔާޔޯ؟