ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނ. މަނަދޫ އަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު މަނަދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ "މިލަދެކުނު އަދަބީ ޢީދު 2019" ނިންމުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމަށް މަނަދޫއަށް ކުރައްވާ ދަތުރުފުޅެކެވެ. މި ޖަލްސާ އޮންނާނީ މިރޭ 9:00 ގައި މަނަދޫ ސުކޫލް ހޯލްގައެވެ.

މަނަދޫގައި ކުރިއަށްދިޔަ "މިލަދެކުނު އަދަބީ އީދު 2019" ގައި އެ އަތޮޅުގެ ރަށްރަށުގެ ސުކޫލްތަކުގެ މެދުގައި ވާދަވެރި މުބާރާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ޅެން ހެދުމުގެ މުބާރާތެއްގެ އިތުރުން އިސް ރަށްވެހިންނާއި، އެކި އުމުރުގެ މީހުންނަށް ޚާއްސަ ރައިވަރު ކިޔުމުގެ މުބާރާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ނޫނު އަތޮޅުގެ ތާރީޚާ ރަށްރަށުގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޕްރެޒެންޓޭޝަން ހުށައެޅުމުގެ މުބާރާތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދަރިވަރުންނާއި، ސުކޫލްތަކަށް މިރޭ އިނާމް ދޭން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާނިޔާމަސް

    ޖަލްސާ އޮތީކީ ސްކޫލަކުވެސް ނޫން. ނ. މަނަދޫގަ ހުންނާނީ އަތޮޅު މަދަރުސާ އާއި ޕްރީސްކޫލް. ޖަލްސާ އޮތީ ބަނދަރު ސަރަހައްދުގަ އޮތް ހުސް ބިމެއްގަ. ނޭންގޭ ޚަބަރު ނުލިޔެ ރިޕޯޓަރު ވަގުތުން ވަގުތަށް އިސްތިއުފާދީ.