މޫދަށް އެރުމަށްފަހު ފެންވަރާލެވޭ ގޮތަށް ހުޅުމާލޭ ފަތާ ޓްރެކް ސަރަހައްދުގައި ފާހާނާ ބަރިއެއް އަޅައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ މިއީ ހުޅުމާލެއަށް މޫދަށް އެރުމަށްޓަކައި އަންނަ އާންމުންނަށް ހުޅުވައިލައިގެން ހަދާފައިވާ ފާހާނަ ބަރިއެއް ކަމަށެވެ.

އޭގެ އިތުރުން މި ފާހާނާ ބަރިއަކީ އަންހެނުންނަށާއި ފިރިހެނުންނަށް ވަކިން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ފާހާނާ ބަރިތަކެއް ކަމަށާއި، މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހަކަމާއި އެކީ ބޭނުންކުވޭނެހެން ފެންވަރު ރަނގަޅަށް ފަރުމާކުރެވިފައިވާ ފާހާނާ ތަކެއް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހުޅުމާލޭގައި ތަރައްގީގެ މަޝްއޫރުތައް ކުރިއަށް ގެންދާ އެޗްޑީސީ އިން ވިދާޅުވީ، ހުޅުމާލޭ ފަތާ ޓްރެކް ކައިރީގައި ހަދާފައި ހުރި އެ ފާހާނާތައް މިހާރު ބޭނުން ކުރެވޭނެ ކަމަށެވެ.

ހުޅުމާލެއަކީ ފަތުރުވެރިންގެ އިތުރުން ދިވެހީންގެ ތެރެއިންވެސް ގިނަ ބަޔަކު ބަންދު ދުވަސްތަކާއި ދިމާކޮށް މޫދަށްއެލަން ގޮސްއުޅޭ ރަށަކަށް ވުމާއިއެކު މި މަޝްރޫއުގެ ސަބަބުން ގިނަ ބަޔަކަށް އެތަށްގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެހެން ނަމަވެސް މިއީ އެންމެން ބޭނުން ކުރާ ފާހާނާތަކެއް ކަމުގައި ދެކިގެން ފާހާނާތައް ސާފުކޮށް ބެލެހެއްޓުމަށް ފާހާނާ ބޭނުން ކުރާ ހުރިހާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.