އިއްޔަ ލ. ގަމުގެ ގެއެއްގެ ތެރޭގައި ހުރި މަސް ފެން ގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ފިރިހެން ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، އެ ކުއްޖާ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. .

"ވަގުތު"އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ، އެކުއްޖާގެ ހާލު ވަރަށް ސީރިޔަސް ކަމަށާއި މިހާރު އެ ކުއްޖާ އޮތީ ވެންޓިލޭޓަރަށް ލާފައި ކަމަށެވެ.

އެ ކުއްޖާއަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންގޮސްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކުއްޖާ ވެއްޓިފައިވަނީ އެކުއްޖާގެ ގޯތި ތެރޭ ހަދާފައި ހުރި، ފުންމިނުގައި 5 ފޫޓު ބައި ހުރި މަސް ފެންގަނޑަކަށެވެ. އަދި ކުއްޖާ ގެއްލިގެން ހޯދަމުންދަނިކޮށް ފެނުތެރޭގައި އޮއްވާ ފެނުނީ އިއްޔެ ހަވީރު އެގެއަށް ދިޔަ ފުލުހަކަށެވެ.

ކުއްޖާ ފެނުނު އިރު އޮތީ އެ ފެންގަނޑުގެ އަޑީގައެވެ.

އެރަށު ކައުންސިލުގެ މެމްބަރު އިސްމާއިލް ޒަކީ ވިދާޅުވި ގޮތުގައި ފެންގަނޑުގެ ތެރެއިން ކުއްޖާ ނެގި އިރު ވިންދުވެސް ނެތެވެ. ނަމަވެސް ފަހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުމުން ވިންދު ޖަހަން ފެށި ކަމަށާއި، ނޭވާ ލާން އުނދަގޫތަކެއް ހުރުމުން ވެންޓިލޭޓަރު ގުޅީ ކަމަށް އޭނާ ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި އެ ކުއްޖާގެ ހާލު ސީރިއަސްވީ ފެން ބޮވި، ގިނަ އިރު، އެތަނުގައި އޮންނަން ޖެހުމުންނެވެ. އެ ހާދިސާގައި އެ ކުއްޖާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު