ބ. ކަމަދޫން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭތީ އެ މައްސަލަ ހައްލު ކުރުމަށް ގޮވާލާ އެރަށުގައި މުޒާހަރާކޮށްފިއެވެ.

މިއަދު ހެނދުނު އެރަށު އިންޖީނުގެ ދޮަށަށް ރަށުގެ ގިނަ ބަޔަކު އެއްވެ މުޒާހަރާކޮށްފައި ވެއެވެ. އެރަށުން ވާހަކަދެއްކި މީހަކު ބުނީ، ރެއާއި މިއަދުވެސް ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ދިޔަ ކަމަށެވެ.

"މި ސަރުކާރުގެ މިދިޔަ އަށް މަސް ދުވަސް ތެރޭގައި، ކަރަންޓް އެއް ދުވަހު އައިސް އަނެއް ދުވަހު ގޮސްފައި މި އުޅެނީ، ދޭތެރެއިން ކެނޑިފައި އެކަހަލަ ގޮތަކަށް މި ދަނީ".

އޭނާ ބުނީ، މިއަދު ރަށުގެ ގިނަ އަދަދެެއްގެ ބަޔަކު އިންޖީނުގެ ދޮށަށް ގޮސް މުޒާހަރާކޮށްފައި ވަނީ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށެވެ.

"މިއަދު މުޒާހާރަގައި މިވަގުތު ރަށުގައި ތިބި ގިނަ އަދަދެއްގެ މީހުން ނުކުތް، ހާއްސަކޮށް އަންހެން ވެރިން. އެންމެންވެސް ގޮވަމުން ދިޔައީ ކަރަންޓް މައްސަލަ ހައްލުކޮށްދިނުމަށް.". އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އޭނާ ފާހަގަކުރިގޮތުގައި، އެރަށަށް ދިމާވެފައިވާ ކަރަންޓް ކަނޑައިގެން ދިއުމުގެ މައްސަލައަކީ އެރަށު އިންޖީނުގޭގައި ހުރި އުންޖީންތަކުގެ ކޮންޑިޝަން ދަށްވުމުގެ ސަަބަބުންނެވެ. އޭނާ ފާހަގަކުރިގޮތުގައި، އެރަށަށް ކަރަންޓް ދެމުން ގެންދަނީ މީގެ ފަސް ވަރަަކަށް އަހަރު ކުރިން ފަށައިގެން ބޭނުން ކުރަމުން އަންނަ އިންޖީނުތަކުންނެވެ.