ޙައްޖަށް ގެންދިއުމަށް ފުރުޞަތު ދިނުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީބު ޙައްޖު ކޯޕަރޭޝަންގެ އަރިހުން އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް މިގޮތަށް އެދިވަޑައިގެންފައިވަނީ ޙައްޖުގެ ކޯޕަރޭޝަނުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި ޙައްޖުގެ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވަމުންނެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ފައިސަލް ވަނީ މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖާޖީންގެ ކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްދެއްވާފައި ވާތީ ޙައްޖު ކޯޕަރޭޝަނަށާއި މީހުން ޙައްޖަށް ގެންދިއުމުގައި ހަރަކާތްތެރިވި އެކި ޖަމާޢަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި ދުރާލާ ތައްޔާރީތައް ވުމަށާއި ޙައްޖަށް ގެންދިއުމަށް ފުރުޞަތު ދިނުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން. ޙައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް މިހާރަށްވުރެ ފުޅާދާއިރާއެއްގައި، ޚާއްޞަކޮށް އަތޮޅުތަކުގެ ރަށްރަށުގައިވެސް ދުރާލައި ހިންގަވައިދެއްވުމަށް ނައިބް ރައީސް ފައިސަލް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޙައްޖު ކޯޕަރޭޝަނުން ވަނީ އިތުރު އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމުގެ ގޮތުން ވަޤުފު އިމާރާތެއް އެޅުމަށް ބިމެއް ބޭނުންވާކަން ވިދާޅުވެފައެވެ.

އަދި ޙައްޖާޖީންގެ ކަންކަން ވީހާވެސް ފުރިހަމައަށް ކުރިޔަށްގެންދިއުމަށްޓަކައި ސަޢުދީ ސަރުކާރުން ރާއްޖެއަށް އިތުރަށް ދެއްވާ ކޯޓާވެސް ވީހާ އަވަހަށް ހަމަޖެހޭނެގޮތްވުމުގެ މުހިންމުކަމާއި ގުޅޭގޮތުން އެ ކޯޕަރޭޝަނުން ވާހަކަދައްކާފައި ވެއެވެ. އަދި ޙައްޖުކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ބައެއް ކަންކަން ވެސް އެ ކޯޕަރޭޝަނުގެ އިސްވެރިން ނައިބް ރައީސް ފައިސަލް އާ ވަނީ ޙިއްޞާކުރައްވާފައެވެ.