މަސްވެރި އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ އުރީދޫ މޯލްޑިވްސްއާ ހަވާލުކޮށްފައެވެ.

މިއަދު ފިޝަރީސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބްސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މިއީ އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށްޓަކައި މަސްވެރިކަން ކުރުމަށް މިމިނިސްޓްރީން ލައިސަންސް ދީފައިވާ އުޅަނދުފަހަރުގެ ޙަރަކާތްތައް ބެލުމަށް ޤާއިމުކުރާ ވެސަލް މޮނިޓަރިންގެ ސިސްޓަމެއް ކަމަށެވެ.

މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުންކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްތްގެ ދަށުން ލައިސަންސް ދީގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރުކުރުމަށް 700 ވެސަލް ލޮކޭޓިންގް ޑިވައިސް އުރީދޫއިން ސަޕްލައި ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

 

މިގޮތުން އުޅަނދުފަހަރުގައި ހަރުކުރާ އެންމެ ޒަމާނީ ވެސަލް ލޮކޭޓިންގމިޑިވައިސްގެ އެހީގައި އުޅަނދުފަހަރު އޮތް ސަރަހައްދު ގަޑިއަކު އެއްފަހަރު، މޮނިޓަރިން ސްޓޭޝަންތަކަށް ލިބި، އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަށްވެސް އެފަރާތްތަކުގެ އުޅަނދުގެ ހަރަކާތްތައް ކޮންމެ ވަގުތެއްގައި ބަލާލުމުގެ ޤާބިލްކަން ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަދި މީގެއިތުރުން، އުޅަނދެއް ހާލުގައި ޖެހިއްޖެނަމަ، ޑިސްޓްރެސް ބަޓަން މެދުވެރިކޮށް އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެކަމުގެ ސިގްނަލް (ޑިސްޓްރެސް ސިގްނަލް) ސެޓުލައިޓް މެދުވެރިކޮށް އުޅަނދު އޮތް ސަރަޙައްދުގެ މަޢުލޫމާތާއެކު ކޮންމެ 5 މިނެޓަކުން މޮނިޓަރިން ސްޓޭޝަންސް ތަކަށް ފޮނުވަމުންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި މިކަމުގެ ސަބަބުން، ހާލުގައި ޖެހޭ އުޅަނދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނަގާ ވަގުތު ކުޑަވެ، ދުރު ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.

މިޑިވައިސްއަކީ އުޅަނދު މޯބައިލް ރޭންޖްއިން ބޭރުގައިވާ ވަގުތުތަކުގައި ވެސް ސެޓަލައިޓް މެދުވެރިކޮށް އުޅަނދަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިގެންވާ އާލާތެކެވެ.

އަލަށް މިގެނެވޭ ވެސަލް ލޮކޭޓިންގް ޑިވައިސްތައް ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ހިލޭ ދޫކޮށް ހަރުކޮށް ދިނުމުގެ އިންތިޒާމްތައް އުރީދޫއާއި ފިޝަރީޒް މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދާނެއެވެ.

މިޕްރޮޖެކްޓްގެ ދަށުން ހަރުކުރާ ވެސަލް ލޮކޭޓިންގ ޑިވައިސްތަކުގެ މަހުފީގެ ގޮތުގައި އުރީދޫއިން ދޫކުރާ ބޭސިކް ޕެކޭޖަށް ނަގާނެ މިންވަރަކީ 617 ރުފިޔާއެވެ.

މިޕެކޭޖްގެ ދަށުން ގަޑިއަކު އެއްފަހަރު އުޅަނދު އޮތްސަރަހައްދުގެ މަޢުލޫމާތު ސެޓަލައިޓް މެދުވެރިކޮށް މޮނިޓަރިންގް ސްޓޭޝަންތަކަށާއި އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކަށް ފޯރުކޮށްދެމުން ދާނެއެވެ.