ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއިކޭޝަން (އެން.އައި.އީ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ "ނޭޝަނަލް ވޯކްޝޮޕް ފޯ އައިސީޓީ އިން އެޑިއުކޭޝަން މާސްޓަރ ޕްލޭން ޑިވެލޮޕްމެންޓް" މިއަދު ފަށައިފިއެވެ.

ޔުނެސްކޯ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ މިމަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށެވެ.

ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި ހަފްލާގެ ޝަރަފްވެރި މެހުމާން މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަހްމަދް އަފްޒަލް އިބްރާހީމް ވިދާޅުވީ، އައިސީޓީ އަކީ ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ދައިރާ އެއް ކަމަށެވެ.

އައިސީޓީ މާސްޓާ ޕްލޭން ތައްޔާރުކުރުމުގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
އައިސީޓީ މާސްޓާ ޕްލޭން ތައްޔާރުކުރުމުގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މި ސަރުކާރުން އަންނަނީ އައިސީޓީ މެދުވެރިކޮށް ގެންނަން ޖެހޭ ހުރިހާ ކުރިއެރުމެއް ގެނައުމަށް މަސައްކަތް ކުރައްވަމުން ކަމަށާއި މިދާއިރާއިން ތައުލީމީ ފުރުސަތުތައް ހޯދައިދިނުމަށް އެކި ޔުނިވާސިޓީ ތަކާއި މެދު ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ކަހަލަ ޕްލޭނެއްއް ނުކޮށް ކަމެއް ފަށައިފިއްޔާ އެންމެ އެދެވޭ ނަތީޖާ ނުނެރެވޭނެ ކަމަށެވެ.

"ތައުލީމީ ދާއިރާއަށް އަހަންމިއްޔަތުކަން ދެއްވުމުގެ ގޮތުން އައި.ސީ.ޓީ ދާއިރާއިން އިތުރު ތައުލީމު ހާސިލް ކުރުމަށް ބޭރުގެ ޔުނިވާސިޓީސްތަކާއި ވާހަކަ ދަކެވެމުން މިހާރު މިދަނީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޕްލޭން އަކާއި ނުލާ ކަމެއް ކުރެވިއްޖެއްޔާ އެކަމަށް އެންމެ ރަނގަޅު ނޫން ނަތީޖާ ލިބުމަކީ އެކަށީގެންވާ ކަމެއް." އަފްޒަލް ވިދާޅުވިއެވެ.

މި ވޯކްޝަޕަކީ އައިސީޓީ މާސްޓަރ ޕްލޭންގެ ދެވަނަ ވޯކްޝޯޕެވެ. ފުރަތަމަ ވޯކްޝޮޕްވެސް ވެގެން ދިޔައީ ވަރަށް ފުރިހަމަ ވޯކްޝޮޕަކަށް ކަމަށް އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު