މަސްވެރިކަމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި މަޖިލީހުގެ ދެވަނަ ދައުރުގެ 47 ވަނަ ޖަލްސާގައެވެ.

މިއަދު ތަސްދީގު ކުރެއްވި މި ބިލަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާޙައުލާއި، ކަނޑުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ބެހޭ ބިލެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލްކުރުމާއި، ދިވެހި މަސްވެރިކަމާއި އެކުއަކަލްޗަރގެ ސިނާއަތް ކުރިއަރުވައި، ތަރައްގީކޮށް، އެ ސިނާއަތް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތަކާއި ހަމަތައް ބަޔާންކޮށްފައިވާ ބިލެއްވެސް މެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި، ބިލު ޤާނޫނަކަށްވެ އަމަލުކުރަން ފަށާތާ 100 ދުވަހުގެ ތެރޭގައި މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑިދޯނިފަހަރުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި، ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން އެ ދަފްތަރު ލިޔެ ބަލަހައްޓަންޖެހެއެވެ.

އަދި މަސްވެރިންގެ އިޖްތިމާޢީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދިނުމާއި، މަސްވެރިކަމާގުޅޭ ތަޢުލީމާއި ތަމްރީން ހޯދައިދިނުމާއި، މަސްދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމާއި، އައިންމަތި ދޫނި، ބިސްއަޅާ އާލާވާ ރަށްރަށާއި ފިނޮޅުފަދަ ތަންތަން ޙިމާޔަތްކުރުމާއި އެކްޝަން ޕްލޭންތައް ތައްޔާރުކުރުންފަދަ ކަންކަން މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސް ޕްރޮސެސްކުރާ ތަންތަނާއި، ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް ޤާއިމުކުރުންފަދަ އައު ކަންތައްތައް މިބިލުގައި ތަޢާރަފުކޮށްފައިވެއެވެ. މީގެ އިތުރުން އެކުއަކަލްޗަރ ތަރައްޤީކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުން އައި މަސްވެރިކަމުގެ ޤާނޫނު އުވިގެންދާނެއެވެ.