ދިވެހި ސިފައިންނާއި އެމެރިކާގެ ނޭވީ ސީލްސް ގުޅިގެން ހިންގި "އެކްސަސައިޒް ފްލޭޝް މެޓަލް 19-01" ނިންމާލައިފިއެވެ.

މި އެކްސައިސައިޒް ނިންމުމުގެ ގޮތުން އިއްޔެ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި މިއަދުގެ ސަލާމަތީ މާހައުލުގައި މިފަދަ ތަމްރީންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، މި އެކްސަސައިޒްގެ ބައިވެރިންނަށް ވަނީ ޝުކުރު އަދާކުރައްވާފައިކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އެކްސައިސައިޒްގައި އެއްގަމާއި ކަނޑުގެ ސަރަޙައްދުތަކުގައި ވަނީ ތަމްރީނުތައް ކުރިއަށްގެންގޮސްފައެވެ.

މި ތަމްރީނުތަކުގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއާއި އެމްއެންޑީއެފް މެރިންކޯ އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ވަނީ ބައިވެރިވެފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ތަމްރީނުތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމެރިކާ ނޭވީ ސީލްސްގެ ސިފައިންނެވެ.