ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންނުވެރި މީހުން ތިބި ނަމަވެސް އަޅާނުލެވި ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން އެފަދަ މަސައްކަތްތެރީންގެ މަސައްކަތްތައް ހީނަރުވެފައިވާކަމަށާއި، ސްކޫލް ނިޒާމުގެ ތެރެއިން ވެސް ކުދިންގެ ކިބައިގައި ފަންނުވެރިކަން އަށަގެންނެވުމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު، "ފަންނު އެކްސްޕޯ 2019" ލޯންޗް ކުރުމުގެ ގޮތުން މިރޭ ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮންމެ މީހަކީވެސް ޤައުމަށްޓަކައި، އަމިއްލަ ދިރިއުޅުމަށްޓަކައި، މަސައްކަތްތެރި މީހަކަށް ވުމުގެ އަޒުމް ކަނޑައަޅައި، ރާއްޖޭއަކީ އުފެއްދުންތެރިކަމުން ކުރިއަރާފައިވާ ޤައުމަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވަނީ ގޮވާލައްވަފައެވެ.

ދިވެހިންގެ ތެރޭގައި ހުރި ހުނަރުތައް އާލާކުރުމަށް ސަރުކާރުން މިކުރާ މަސައްކަތަކީ މުޅި ދިވެހި ޤައުމުގެ ޤައުމީ ވަންތަކަން މުޅި ދުނިޔެއަށް ދައްކުވައިދޭނެކަމެއް ކަމަށާއި، އެންމެ ބޮޑަށް އަމާޒު ހިއްޕަވާފައި ވަނީ ރަނގަޅު ޖީލެއް ބިނާކޮށް ދިވެހި ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެއްދެވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މިފަދަ މައުރަޒެއްގެ ތެރެއިން ވަރަށް ގިނަ ފުރުޞަތުތައް ފަހިވެގެންދާނެކަމަށާއި، ހުރިހާ އެންމެންވެސް، ޚާއްޞަކޮށް ދިވެހި ޒުވާނުން މިފަދަ ފަހި ފުރުޞަތު ތަކުގެ ބޭނުން ހިފައި، ދިރިއުޅުން އާރާސްތުކޮށް، ޤައުމުގެ ތަރައްޤީއަށް މަސައްކަތް ކުރާ ބަޔަކަށްވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

ފަންނު އެކްސްޕޯއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކުރައްވައިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ.

މި މަޢުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނޭ މާހައުލެއް ގާއިމުކޮށްދިނުމަށް ބޭއްވޭ މަޢުރަޒެކެވެ.

މި މަޢުރަޒުގައި 77 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އޭގެ ތެރޭގައި އަތްތެރި މަސައްކަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އުފެއްދުންތެރި ކުރެހުމާއި ފަރުމާ ކުރުމާއި، ކާބޯތަކެއްޗާއި، ބަހުގެ އުފެއްދުންތަކާއި، ލަކުޑީގެ އުފެއްދުންތަކާއި، ފެޝަން އެންޑް ޑިޒައިނާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސީމް

    މާމޮޅަށް ވާހަކަދެއްކޭ މީހަކަށް ހެދިގެން ފޮނިވާހަކަ ދައްކަމުން ތިދަނީ، ފަހަތަށް ނިކަން އެނބުރި ބަލާބަލަ މިވީ 10 މަސްތެރޭ ތިމީހުންނަށް ކުރެވުނީ ކޮންކަމެއްތޯ

    13
  2. މިއަދު

    ފައިސަލްނަސީމަކީ ވަރަށްގިނަތަންތަނަށްގޮސް ޖަލްސާބާއްވާ ޙާލުބަލާ އެހީތެރިވާބޭފުޅެއް 2008 އަހަރު އޭރުއޮތް ސަރުކަރު ބަދަލުކުރުމައި ނަޝީދުގެ ވެރިކަމުގެ 3 އަހަރާއި ވަހީދު ސަރުކާރުގެ 2 އަހަރާއި ޔާމީން ސަރުކާރުގެ 5 އަހަރު ވަރަށްރަގަޅަށް ފެނިފައިވާ ކަންކަމާމެދު ވިސްނާފިކުރުކުރާ ޒުވާންބޭފުޅެއް ނައިބުރައީސެއްގެހައިސިއްޔަތުން މިއަދަހަމަޔަށް ޝަރަފްވެރިކޮށްދެއްވި އެއްމެ ޖަލްސާއެއްގައިވެސް ވިދާޅުވެފައެއް ނެތް ދެންނެވި 3 ސަރުކާރުން އެއްވެސް ދާއިރާއަކަށް އެއްވެސް ކަމެއް ކޮށްދެއްވިކަމަކަށް އަބަދުވެސް އަޅާނުލާ ނުކުރެ ދޯހަޅި ތާކުންތާކު ނުޖެހޭ މިފަދަ ބަސްތައް ފައިސަލްހީކުރައްވާކަހަލަ މިސަރުކާރުން ކުރަކޮންމެކަމަކީ އަންނަން އޮތް ޖީލުތަކުގައި އެކަމަށްބަދަލުނުގެނެވެނެ އަދި ނުވެސް ގެންނާނެކަންތައްތަކެކޭ ހީނުކުރައްވާތި ދުނިޔެގައިމީހުންދިރިއުޅޭހާތައްދުވަހު އިންސާނުންއަބަދުވެސް އައުގޮތްތައްހޯދާނެ ތަރައްގީއަށް ބޭނުންވާނެ ކަންކަން ބަދަލުކުރަނެ ބަދަލުގެންނާނެ ތިމާމީހަވެސް ދައްކަވާހަކައިގައި ޙައްގުބަސްބުނެ ވަހަކަދެއްކުމަށް ގޮވާލަން ކާށިދޫ ދާއިރާގެ މެމްބަރަކަށްހުރެ އެތައްވަޢުދެއްނުފުއްދާ އެބަހުރި ޝަރަފްވެރިކަމުގެގޮތުންކޮށްދޭންބުނި އެތައްކަމެއް ކޮށްނުދީއެބަހުރި އިހުލަސްތެރިކަމެއްހުރިއްޔާ ކަށިދޫ އަދި ގަފަރަށް ދުރުވެ ރަޢިއްޔަތުންކުރެ އަހާއޮޅުންފިލުވައިގެން އެކަންތައްކޮށްދީބަލަ