ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ނިންމަވައިފިއެވެ.

ރައީސް ސާލިހު މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖްލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި ސިޔާސަތުގައި ގާނޫނާ ހިލާފަށް ގާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި، އިގްތިސާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމު ކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެގޮތުން، ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ގާނޫނާ ހިލާފަށް، ގާނޫނީ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ ފަރާތްތައް، ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމެއް ހިންގުމަށް ނިންމެވުމާއި، ގާނޫނާ ހިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި، ރާއްޖޭގައި ގެންގުޅުމާއި، ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ގާއިމްކުރުމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުމަށް، ހުށަހެޅިފައިވާ ގޮތަށް "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް" ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ވެސް ނިންމާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ވިޔަފާރިތަކަށް ކޯޓާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު އަލުން އެކަށައެޅުމަށާ އިގްތިސާދީ މަސައްކަތްތަކަށް ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނައުމުގައި މިހާރުގެ ޤާނޫނީ އޮނިގަނޑު ފަރުމާކުރެވިފައިވާ ގޮތުން ނުކުންނަ ނުރަނގަޅު އަދި ނޭދެވޭ ނަތީޖާތައް ނައްތާލުމަށްޓަކައި، ގާނޫނީ އޮނިގަނޑަށް ހުށަހެޅިފައިވާ ގޮތަށް ބަދަލު ގެނައުމަށް ކެބިނެޓްގެ ލަފާގެ މަތިން ރައީސް ނިންމަވާފައިވާކަމށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަނޭސް

    ރާއްޖެއިން ބޭރު މީހުން ކުރާ ވިޔަފާރިތަށް ބަލާ މޮނިޓަރ ކުރެވޭނެ ގޮތެއް ހޯދަން ނުވިސްނަނީ ކީއްވެތޯ؟މާލެއާއި ހުޅުމާލޭގާ މެދުފަންތީގެ ގިނަ ވިޔަފާރިތަކަކީ %100 ބިދޭސީންގެ ވިޔަފާރިތަށް.ދިވެހިމީހެއްގެ ނަމުގާ ރަޖިސްޓްރީކޮށްލާފަ އެމީހާއަށް މަހަކު 3000 ރުފިޔާ އާއި ޓެކްސް ބަލަހައްޓަން 3000 ރުފިޔާ ދޭގޮތަށް މިފަދަ ވިޔަފާރިތަށް ކުރާކަން ސަރުކާރުގެ ކަމާގުޅުންހުރި އެންމެހާ ފަރާތްތަކަށް އެބައެނގޭ!މިފަދައިން ކަންކުރާ ދިވެހި މީހާއަށާ ބޭރު މީހާއަށްވެސް ހަރުކަށި ފިޔަވަޅެއް ނާޅާނަމަ މިކަން ކަން ހައްލެއް ނުކުރެވޭނެ.މީގެ އިތުރުން ބޭރުމީހުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭއިރު މީރާއިން އެކަންކަން ނުބަލާހުންނަކަން ވަރަށް އެބަފާހަގަކުރެވެ.

  2. ޙިސަން

    މޮޅު ވާހަކަ ދެއްކުން ފިޔަވާ ކަމެއް ވޭތަ!!!

  3. ހިނިއަންނަނީ

    ދެން އޮތް ފިޔަވަޅަކީ ހަވާލުވާ ވަކި ފަރާތެއްނެތި ސިޓީތަކުގަޔާއި އަތޮޅުތަކުގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންނަށް ދިވެހި ރައްޔިތުކަންދީ އައިޑީ ކާޑާއި ޕާސްޕޯޓު ހައްދައިދިނުން. އޭރުން ހުރިހާ ކަމެއް "ރެގިއުލަރައިޒް " ވެ ނިމުނީ.

  4. ވިސާ

    ވޯކްޕާމިޓު ގައި މީހާ އަދާކުރާ ވަޒީފާ އިންނަންވާނެ.އެނޫން ކަމެއް ކުރާކަމައްވާނަމަ ހައްޔަރު ކުރެވި ޑީޕޯޓް ކޮއްލެވެންވާނެ.

  5. 1111

    ދިމާވެގެން މިއުޅޭ މައްސަލައަކީ ބިދޭސީން ޤަވާއިދާ ޚިލާފަށް އުޅޭ ކަންއެކަންޏެއް ނޫނެއް ނޫންތަ؟ އަދި ވެސް ބިދޭސީން މަދު ކުރާ ވާހަކައެއް ނުދެއްކެއެއްނު. ކިހާ ދެރަކަމެއް

  6. 1111

    ރާއްޖޭގެ ސިނާޢީ ދާއިރާތަކަށްއި އެހެނިހެންދާއިރާ ތަކަށް ބިދޭސީން ބޭނުންވ ަނެ އެންމެމަދުމިންވަރެއް ދިރާސާކޮށް ، ގެ އާބަދީގެ ނިސްބަތުންރާއްޖޭގައި ބިދޭސީން ގެންގުޅެވޭނެ ވަކިމިންވަރެއް ކަނޑައަޅަނ ްފެނޭ!
    ދެން އިތުރަށް މަސައްކަތަށް މީހުން ބޭނުންވާނަމަ ވަކި އުސޫލެއްގެ ދަށުނ ް ޖަލުގައި އުޅޭ ކުދިން ނާއި ކުށުގެ ވެށީގައި އުޅޭކުދިން ލައްވާއެބައި ފުރިހަމަ ކުރުވާނީ ވަޒީފާގެ ދޭގޮތަށް. އޭރުން އެކުދިންވެސް ބާކީވެފަ ހޫރި ހޫރި ތިބޭކަށް ނުޖެހޭނެ.