އަނގަތާފައި ބަލި ނުވަތަ ހޭންޑް ފޫޓް މައުތު ބަލި ރާއްޖޭގައި ފެތުރެމުން އަންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. ފައިސަލް ވިދާޅުވީ، ‏އަތާއި ފަޔާއި އަނގައިގެ ބިހިތައް ބާރަށް އެބަފެތުރޭ ކަމަށެވެ.

"ޢަލާމާތްތައް ފެނިއްޖެނަމަ އިސްކޫލަށްނުފޮނުވާ، ގިނަކުދިން ކުޅޭއެއްޗެހިތައް، ދޮރުގެ އަތްގަނޑުތައްކަހަލަ ގިނައިން އަތް ޖެހޭތަންތަން ރަނގަޅަށް ސާފުކުރައްވާ". އޭނާ ކުރެއްވި ޓްވީޓެއްގައި ވެއެވެ.

ހޭންޑް ފޫޓް މައުތު ބައްޔަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުދިންގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ނަޖިސް އަދި ހަމުގައި ނަގާ ފޮޅުން ނުކުންނަ ދިޔައިން އެއް ކުއްޖެއްގެ ގައިން އަނެއް ކުއްޖާގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެކެވެ.

ހޭންޑް ފުޓް މައުތު ބަލި އެންމެ ގިނައިން ޖެހެނީ ކުޑަ ކުދިންނަށެވެ.

ކުދިންނަށް މި ބަލި ޖެހުމުގެ ސަބަބުން އަނގައިގައި ނަގާ ބިހިތަކާ ހެދި ކެއުމަށް ވެސް އުނދަގޫވެއެވެ.

އެހެންކަމުން ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ، ސަމާލުވެ ތިބުމަކީ މުހިއްމު ކަމެކެވެ.