ދުނިޔޭގެ ސިއްޙަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ފުރަތަމަ ފަހަރަށް ފާހަގަ ކުރާ ބައިނަލްއަޤްވާމީ ފުރަތަމަ 'ދުނިޔޭގެ ޕޭޝަންޓް ސޭފްޓީ ދުވަސް' ފާހަގަ ކުރުމާއި ގުޅުވައިގެން ރާއްޖޭގައި 'ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް' އެއް އިފްތިތާހު ކޮށްފިއެވެ. ދިވެހިރާއްޖޭގެ ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް ލޯންޗް ކޮށް ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު އެވެ.

ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ސިއްހީ ވުޒާރާގެ ކޮލެޓީ އެޝުއަރެންސް ޑިވިޝަންގެ ފަރާތުން ފާތިމަތު ދިމްޔާ ވާހަކަފުޅު ދައްކަމުވަމުން ވިދާޅުވީ ފްރޭމްވޯކްގެ މައިގަަނޑު މަޤްޞަދަކީ ބައިނަލް އަޤްވާމީ ގޮތުން ސިއްހީ ދާއިރާގައި އަމަލު ކުރާ އެންމެ ރަނގަޅު ގޮތްތަކަށް ބަލާފައި ރާއްޖެއަށް އެންމެ ގުޅޭނެ ގޮތްތަކަށް ބައްޓަން ކޮށްގެން ސިއްޙީ ދާއިރާގެ އޮނިގަނޑެއް އެކުލަވާލެވި، ރައްކާތެރި، ފެންވަރު ރަނގަޅު ޙިދުމަތްތަކެއް ދެވޭނެ ކަން ޔަޤީންކުރުމެވެ.

ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް އިބްރާހިމް ޝާބިލް
ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް އިބްރާހިމް ޝާބިލް

ޑަބްލިއު އެޗް އޯގެ ހާއްސަ ކޮންސަލްޓެންޓު ޑރ.ސްރިނިވާސްތާ ވަނީ ރާއްޖޭގެ ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކްގައި ހިމެނޭ މުހިއްމު ކަންކަމަށް އަލިއަޅުއްވާލައި ވާހަކަފުޅު ދައްކަވާފައެވެ. ފްރޭމްވޯކުގައިވާ ގޮތުން ބަލިމީހުންނަށް ދޭ ފަރުވާ އަކީ އެންމެ ރަނގަޅު ފަރުވާ ކަން ޔަޤީން ކުރުމުގެ ގޮތުން ސިއްހީ ވުޒާރާގެ ކޮލެޓީ ޑިވިޝަން އާއި ގުޅިގެން މަސައްކަތް ކުރެވޭނެއެވެ. އަދި ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޓެކްނޮލޮޖީ އާ ރައްޓެހި ސާމާނުތައް ބޭނުންކުރަން ފެށުމާއި، އަދި ރާއްޖޭގައި ދޫކުރެވޭ ބޭސްތައް އެއީ އެންމެ ރަނގަޅު ގޮތަކަށް ދޫކުރެވޭ، އަދި ބޭނުންކުރެވޭ ބޭސްތައް ކަން ޔަޤީންކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ކަންތައްތަކުގައި އެކަށީގެންވާ އަދަދަށް ތަމްރީނުވެފައި ތިބި މުވައްޒަފުން ތިބި ކަން ޔަޤީންކުރުން ހިމެނެއެވެ. އަދި މި ފްރޭމްވޯކްގެ ދަށުން ލިބޭ ނަތީޖާތަކަށް ބަލާފައި އެކަންކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް އެޅުން ހިމެނޭނެއެވެ. ޑރ.ސްރިނިވާސްތާ އަކީ މި ފްރޭމްވޯކް އެކުލަވާލުމުގައި ޢަމަލީ ގޮތުން ބައިވެރިވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ޑަބްލިއުއެޗްއޯ ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޙާއްސަ މަންދޫބު އަރްވިންދު މާތޫރު ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގައި ރާއްޖޭގެ ސިއްޙީ ވުޒާރާއިން މިހާ އަވަސް މުސްތަޤްބަލެއްގައި ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް އެއް އެކުލަވާލުމަށް ކުރި މަސައްކަތްތަކަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. މާތޫރު ގެ ވާހަކަފުޅުގައި ވިދާޅުވީ ބަލި މީހަކު ސިއްޙީ ފަރުވާ ހޯދަމުންދާ އިރު އަނިޔާއެއް ވުމަކީ އެއީ އެއްވެސް ގޮތަކަށް ވެގެން ވާނެ ކަމެއް ނޫން ކަމަށާއި ފްރޭމްވޯކް ތައް އެކުލަވާލަން ޖެހެނީ އެހެން ވުމުގެ ސަބަބުން ކަމަށެވެ. އޭނާގެ ވާހަކަފުޅުގައި ފްރޭމްވޯކް އެއް ހަމައެކަނި އެކުލަވާލިއަސް ނުފުދޭނެ ކަމަށާއި، ފްރޭމްވޯކް ރަނގަޅަށް ގެންދިޔުމަށް ސިއްހީ ދާއިރާއަށް އިންވެސްޓު ކުރަން ޖެހޭ ކަން ފާހަގަކުރެއްވިއެވެ.

ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް އިބްރާހިމް ޝާބިލް
ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް އިބްރާހިމް ޝާބިލް

ހެލްތް މިނިސްޓަރު އަބްދު ﷲ އަމީން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގައިވެސް ދުނިޔޭގެ ފެންވަރުގެ ސިއްހީ ޙިދުމަތް ދިނުމުގެ ގޮތުން މިވީ ތަނުގައި ވަރަށް ގިނަ ދިރާސާތަކެއް ހެދިފައިވާ ކަމަށާއި އެގޮތުން ފްރޭމްވޯކް ހެދުމަށް ނިންމުމަކީ މިއަދު ރާއްޖެއަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ދުނިޔޭގައި ނުބައިކޮށް ބޭސް ފަރުވާ ދެވިގެން 2.6 މިލިއަން އެއްހާ މީހުން އަހަރެއްގެ ތެރޭ މަރުވާ ކަމަށާއި، މިއީ އެއިޑްސް، ޓީބީ އަދި ކިޑްނީގެ ބަލިތަކުން މީހުން މަރުވާ ވަރަށް ވުރެން ވެސް ގިނަ އަދަދެއް ކަމަށެވެ.

ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް އިބްރާހިމް ޝާބިލް
ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް އިބްރާހިމް ޝާބިލް

މިނިސްޓަރު އަމީން ވިދާޅުވި ގޮތުން ސިއްޙީ ދާއިރާ މުޅިންވެސް ބިނާވާން ޖެހެނީ އެންމެ ރަނގަޅު، ރައްކާތެރި ފަރުވާ ބަލިމީހާ އަށް ދިނުމަށް ކަމަށެވެ. "ބަލިމީހާ ގެ ދައުރު ވަރަށް ބޮޑު. ފަރުވާ އާ ދޭތެރޭ ވަރަށް ބާރަށް ވާހަކަ ދެކެވެން ޖެހޭ. އެކަމަކު އެއީ ވަރަށް ޒިންމާދާރު ކޮށް ދައްކާ ވާހަކަ ކަމަށް ވާން ޖެހޭނެ. ފަރުވާ ދޭ ފަރާތްވެސް ވާހަކަ ދައްކަން ޖެހޭނެ." މިނިސްޓަރު ވިދާޅުވިއެވެ.