އޮސްޓްރޭލިއާގެ ރޮކް މިއުޒިކް އައިކަންއެއްގެ ގޮތުގައި ދެކޭ ޖިމީ ބާނާސް ދާދިފަހުން ރާއްޖެ އަށް ކުރި ޗުއްޓީ ދަތުރުގައި އެންމެ ބިރުގަތީ ރާޅާ އަޅަން އުޅުމުގެ ތެރޭގައި މިޔަރެއްގެ ހަމަލާއެއް އަމާޒުވެދާނެތީ ކަމަށް އޭނާ ބުނެފިއެވެ.

ޗުއްޓީ ނިންމާލުމަށް ފަހު ގައުމަށް ގޮސް މީޑިއާއަށް މައުލޫމާތު ދެމުން ޖިމީ ބުނީ ރާއްޖެއަކީ ރީތި ތަނެއް ކަމަށާއި، މިޔަރުތަކާއި އެކު ފީނާލުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަހަރެން ނޫޅެން ރާޅާއަޅާކަށް. އެއީ ރާޅާ އަޅަން އުޅެނިކޮށް މިޔަރެއް ހަމަލާ ދީފާނެތީ. އަހަރެން އެކަމާ ވަރަށް ބިރުގަތް. ނަމަވެސް އަހަރެން މިޔަރުތަކާއި އެކު ފީނާލިން. އެއީ އާދަޔާއި ހިލާފު ތަޖުރިބާއެއް." ޖިމީ ބުންޏެވެ.

އުމުރުން 63 އަހަރުގެ މިއުޒީޝަން ރާއްޖެ އައީ އަނބިމީހާ ޖޭން އާއި ތިން ދަރިންގެ އިތުރުން ކާފަ ދަރިން ވެސް ގޮވައިގެންނެވެ. ޖިމީގެ އިތުރުން އޭނާގެ އަނބިމީހާ އާއި ދަރިންނަކީ ވެސް މިއުޒިކް ކުޅޭ މީހުންނެވެ.

ޖިމީގެ އެންމެ ފަހުގެ އަލްބަމަކީ "މައި ކްރިމިނަލް ރެކޯޑް" ނަމަކަށް ކިޔާ އަލްބަމެކެވެ. އޭނާ މިހާރު ތައްޔާރުވަމުން ގެންދަނީ އެއަލްބަމް ޕްރޮމޯޓް ކުރުމަށްޓަކައި ޓްއާއެއް ފަށާށެވެ.

މިޔަރެއް ހަމަލާދީފާނެތީ ރާޅާ އަޅަން ބިރުގަތް ކަމަށް ޖިމީ ބުނިއިރު ފަހަކަށް އައިސް ރާއްޖޭގައި މިޔަރުގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިޔަރު ގިނަވުމުގެ ސަބަބުން ބައެއް މަސްވެރިން ވެސް ގެންދަނީ އެކަމުގެ ޝަކުވާތައް ކުރަމުންނެވެ. ނަމަވެސް މިޔަރު ހިފުން ހުއްދަ ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން

    ޖާބިރު ނުދެކެންދޯާ

    10
  2. ކިހާދެރަކަމެއް

    އަސްލުވެސް މިޔަރު ވ ވ ވ ގިނަވެއްޖެ ރާއްޖޭގަ..އަދި މީހަކަށް ލޮޓިއެއް ލިބުނީމަ ތޯއްޗެ ސަރުކާރުންވެސް ހޭއަރާނީ...މަސްބޭޭނޭ ވަރެއްނޫން އބަދުވެސް މަހުގެ އެއްބުރި ލިބެނީ ގިނަފަހަރަށް ރޭ މަހަށް ނުކުތަސް...މީހަގީގަތުގަވެސް ވ ބޮޑުވެއްޖެ އުދަގުލެއް ރާއްޖޭގަ މިހާރު...ވިސްނާށޭ ޤައުމު.