ދުނިޔޭގެ ސިއްހީ ދާއިރާގެ މާހިރުންނާއި އެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސައިންޓިފިކް ކޮންފަރެންސް ކަމުގައިވާ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" މިއަދު ފަށައިފިއެވެ.

ނާރާއި ސިކުނޑި އަދި މައިބަދައިގެ ބަލިތަކަށް ހާއްސަ ކުރެވިގެން ކުރިޔަށްދާ މި ކޮންފަރެންސްއަކީ އޭޑީކޭއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އިއްޔަގެ ވަގުތެއްގައި މި ޕްރޮގްރާމް ފެށުމުގެ ގޮތުން 8 ގަޑީރުގެ ލައިވް ސާޖަރީއެއް ހަދާފައިވާއިރު މިއަދު މިކޮންފަރެންސް ކުރިޔަށް ދަނީ ޕެރަޑައިސް ރިސޯޓްގައެވެ.

އޭޑީކޭގައި މިހާރު މިފަދަ ބޮޑެތި ސާރޖަރީތައް ހެދޭއިރުގައި މިހާތަނަށް 938 ނިއުރޯ ސާރޖަރީ ހަދާފައިވެއެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިއީ އޭޑީކޭއިން އިންތިޒާމް ކޮށްގެން ރާއްޖޭގައި ބޭއްވޭ 3 ވަނަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ކަމުގައި ވާއިރު މިއަހަރުގެ ކޮންފަރެންސްގައި 300 ޑޮކްޓަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ޔޫކޭ، އޮސްޓްރޭލިޔާ، އަފްގާނިސްތާން، ޕާކިސްތާންގެ އިތުރުން އޭސިޔާގެ ގިނަ ގައުމުތަކެއްގެ ސިއްހީ ދާއިރާގެ މާހިރުން ބައިވެރިވެފައިވެއެވެ.

މި ކޮންފަރެންސްގެ ފެށުމުގެ ޖަލްސާ ޝަރަފުވެރިކޮށްދީފައި ވަނީ މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހް ޖަމާލްއެވެ. މަލީހްގެ އިތުރުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވެސް މި ކޮންފަރެންސް ފެށުމުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަނެފައިވެއެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ އޭޑީކޭއިން ނެރެފައިވާ ސައިންޓިފިކް ޖާނަލްއެއް ލޯންޗްކޮށް ދީފައެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ތަންތަން ކޮޅުގެ ސީހީ މާހިރުން ވާހަކަ ދައްކަވަން ހަމަޖެހިފައިވާއިރު އެންމެންގެ މެދުގައި ހުރި ސިއްހީ ގޮންޖެހުންތައް މަޝްވަރާ ކުރުން ހިމެނެއެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މި ކޮންފަރެންސް އެންމެ ފުރަތަމް ބޭއްވުނީ 14 އޭޕްރީލް 2015 ގައެވެ. ފުރަތަމަ ކޮންފަރެންސް ރާއްޖޭގެ ގައުމީ ޔުނިވާރސިޓީގައި ބޭއްވުނު އިރު މި ޕްރޮގްރާމްގައި ބައިވެރި ވެފައިވަނީ 60 ޑޮކްޓަރުންނެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް ބޭއްވުނު ކޮންފަރެންސްގައި 160 ޑޮކްޓަރުން ބައިވެރިވެފައި ވާއިރު މިފަހަރުގެ މި ޕްރޮގްރާމްގައި 300 ޑޮކްޓަރުން ވަނީ ބައިވއެިވެފައެވެ.

މި އިވެންޓްގެ ބޭނުމަކީ ސިއްހީ ދާއިރާގައި ކޮންމެ ޑޮކްޓަރަކުވެސް ކުރާ މަސައްްކަތްތަކާއި ލިބޭ ތަޖުރިބާތައް ހިއްސާކޮށް މިދާއިރާގެ ފަންނީ ބޭފުޅުންގެ ލަފާ އެކި ކަންތައްތަކަށް ހޯދާ ދިމާވާ ދަތިތައް ހައްލު ކުރެވޭނޭ ގޮތްތައް މަޝްވަރާ ކުރުމެވެ.

މި ކޮންފަރެންސް އަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ސައިންޓިފިކް ކޮންފަރެންސްއެވެ.