ރާއްޖޭގެ ހޮސްޕިޓަލް ތަކުގައި ޓިބީ ބަލި ދެނެގަތުމަށް ޓެސްޓް ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ޑަބްލިއުއެޗްއޯ އިން އިން ހެލްތް މިނިސްޓްރީއަށް ޖީން އެކްސްޕާރޓް ހަތަރު މެޝިން ހަވާލުކޮށްްދެއްވައިފިއެވެ.

އަލަށް ލިބުނު މި ހަތަރު މެޝިން ބަހައްޓަން ނިންމާފައި ވަނީ، ލ އަތޮޅާއި، ރ އަތޮޅާއި، ޅ އަތޮޅުގެ އިތުރުން އައްޑޫ ސިޓީގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.

މި މެޝިންގެ ޒަރިއްޔާއިން ޓީބީއަށް ހެދޭ ޓެސްޓުން، 2 ގަޑިއިރުގެ ތެރޭގައި މީހެއްގެ ކުޅުގައި ޓީ.ބީގެ ޖަރާސީމު ހުރިތޯއާއި، ޓީ.ބީއަށް ބޭނުންކުރެވޭ ބައެއް ބޭހަށް ރެސިސްޓެންޓްކަން ނުވަތަ ނޫންކަން ދެނެގަނެވެއެވެ. މިއީ މިހާރު ކުރެވޭ ޓެސްޓްތަކާއި، އަޅާ ބަލާއިރު ވަރަށްބޮޑު ކުރިއެރުމެކެވެ.

އާއްމުކޮށް ޓީ.ބީ ބަލި ޖެހިފައިވޭތޯ ބަލަނީ ތިން ދުވަސް މަތިން ކުޅުނަގައި، އޭގައި ޖަރާސީމު ހުރިތޯ ބެލުމާއި، އެކްސް ރޭ އިންނެވެ. ޖީން އެކްސްޕާރޓް މެޝިން ބޭނުންކޮށްގެން ހެދޭ ޓެސްޓް ތަކުން އަވަހަށް ޓެސްޓްގެ ނަތީޖާ ލިބި، ބަލިމީހާގެ ހަށިގަނޑުގައި ބޭހަށް ނުގުޑާ ޓީ.ބީ ގެ ޖަރާސީމް ހުރިކަން ނުވަތަ ނެތް ކަން ވެސް އެނގިގެންދެއެވެ.

ޓީބީ އަށް ޓެސްޓް ކުރެވޭ އެންމެ ފަހުގެ ވަސީލާތްތައް ބޭނުންކޮށްގެން ޓީބީ ބަލި ދެނެގަނެ ފަރުވާގެ ކަންތައް ކުރިޔަށް ގެންދިއުމުގެ ގޮތުން މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެންދިޔަ ކަމެކެވެ. އެގޮތުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޖީންއެކްސްޕާރޓް މެޝީން ބެހެއްޓި ޚިދުމަތްދެމުން ގެންދެއެވެ.

ދިވެހިރާއްޖެއަކީ ޓީބީ ނައްތާލުމަށް ޤައުމީފެންވަރުގައި އަހައްމިޔަތުކަން ދީފައިވާ ޤައުމެއްގެ ގޮތުގައި ސަރަޙައްދީ ފެންވަރުގައި ފާހަގަވެފައިވެއެވެ.

ޓީ.ބީ އަކީ ބަލީގެ ކުރީކޮޅު ދެނެގަނެވި، ރަނގަޅަށް ފަރުވާ ފުރިހަމަ ކޮށްފިނަމަ މުޅިން ފަސޭހަ ކުރެވޭ ބައްޔެކެވެ. އަދި ބަލިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައްވެސް އެބަހުއްޓެވެ. އެހެންކަމުން ރާއްޖެއިން ޓީ.ބީ ނައްތާލުމަށް ކުރެވޭ މަސައްކަތުގެ މައިގަނޑު އަމާޒަކީ ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި، އެކަށީގެންވާ ފަރުވަ ފޯރުކޮށްދިނުމާއި، ބަލީގެ ޖަރާސީމުގެ އަސަރުކޮށް އެހެންނަމަވެސް އަދި ބަލި ނުޖެހޭ މީހުން (ލޭޓެންޓް ޓީ.ބީ) ދެނެގަނެ، އެމީހުންގެ ހަށިގަނޑުން ޖަރާސީމު ނައްތާލުމަށް ފަރުވާ ކުރުމާއި، އަދި ބަލިން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން މަގުފަހިކޮށްދީ، ބައްޔާމެދު މުޖުތަމައު ހޭލުންތެރި ކުރުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން

    ޅ އަތޮޅު 5 ރަށުގެ އާބާދީ 11000 މީހުން. ހދ އަތޮޅުގައި 26000 މީހުން. ހއ.ހދ.ށ 3 އަތޮޅުގައި 40000 މީހުން އުޅޭ. ރައީސް އަތޮޅަށް ޅ އަތޮޅު ވުން އެއީ ސިއްހީ ހިދުމަތުން 40000 މީހުނާއި 11000 މީހުނާއި އަޅާކިޔަން ސަބަބެއް ނޫން. އަހަރެމެން ފޭވަރިޒަމް ބޭނުމެއްނޫން.. އިންސާފޭ ކިޔާ ވެރިކަން ލިބުނީމަ މަނިކުފާނު ހަނދުމަ ނެތީތޯ؟ވިސްނަވާ ކައުންސިލް އިންތިހާބު އަދި އެބައޮތް!.. އޭރުން ދޯ މިކަންވާނީ... ލަސްކަމެއް ސަރުކާރުގައި ވާކަމަށް ލޮބުވެތި މުހައްމަދު ނަސީދު އަށް ހީފުޅުވޭ.. އެކަން ހައްލުވާނީ އެމް.Dީޕީ އަށް ކައުންސިލް އިންތިހާބު ވެދުމަށް އެރުވުމުންނޭ ކިޔަން އެ ތައްޔާރުވަނީ... ހޭލާ ހޭލާ ދަރީންނޭ