ޤާނޫނާއި ހިލާފަށް ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީން ޤާނޫނުގެ ތެރެއަށް ވެއްދުމަށް "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމް ފެއްޓުމަށް ނިންމައިފިއެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސިވިލް ސަރވިސް ކޮމިޝަންގެ އޮފީސް ހިންގަމުން އަންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި އެކަމަށް ހާއްސަ އެމިނިސްޓްރީގެ އިދާރާގައެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ޤާނޫނާއި ހިލާފަށް އުޅެމުން އަން ބިދޭސީންގެ އަދަދު މިހާރު މަދުވެގެން 50000 އަށް ވުރެ މައްޗަށް އަރާނެކަމުގައެވެ. އަދި މި ބިދޭސީންނަކީ މަކަރާއި ހީލަތުން ގެނެވިފައި ތިބި މީހުން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި، ގިނަ ބިދޭސީންނަކީ އެމީހުން ރާއްޖެ ގެނެސް ވަޒީފާ ދޭނެ ކަމަށް ބުނެ ބޮޑު އަދަދެއްގެ ފައިސާ ނަގައި މަގު މައްޗަށް ދޫކޮށްލާފައިވާ ބިދޭސީން ކަމުގައެވެ. ފައްޔާޒު ފާހަގަ ކޮށްފައިވަނީ މި ކަހަލަ ލަނޑު އެފަރާތްތަކަށް ދެމުން އަންނަނީ ދިވެހިން ކަމުގައެވެ.

ފައްްޔާޒް ވިދާޅުވީ، ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ކުރިއަށްގެންދަނީ އެއްވެސް އިރެއްގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް "އެމްޕްލޯމަންޓް އެޕްރޫވަލް" ދޫކޮށްފައިވާ ބިދޭސީންނަށް ކަމަށެވެ. އަދި 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކުރެވިގެން ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ތެރެއިން ކާކުކަން އަންގައިދޭ ލިޔުމެއް ނެތް ފަރާތްތަކަށްވެސް މި ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ކުރުމަށް ހުށަހެޅޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އަދި ވަޒީފާ ދޭނެ ފަރާތެއް ލިބި ރެގިއުލަރައިޒްވާން އެދޭ ބިދޭސީން ރެގިއުލަރައިޒްކުރުމަށް ހުށަހަޅާނީ، 'އެކްސްޕެޓް އޮންލައިން ސިސްޓަމް' މެދުވެރިކޮށް ވަޒީފާދޭ ފަރާތުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިގޮތުން ވަޒީފާދޭ ފަރާތަކީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރެވޭ ކޯޓާއެއް އޮތް ފަރާތެއް ނަމަ، ވަޒީފާދޭ ފަރާތުގެ އަތުގައި ބޭނުންނުކޮށް ބާކީއޮތް ކޯޓާއަށް ބިދޭސީން ރެގިއުލަރައިޒް ކުރުމަށް އެދެވޭނެ އެވެ. އަދި ކޯޓާ ނެތް ފަރާތްތަކުން ވެސް ކޯޓާއަށް އެދޭ ވަގުތު ބިދޭސީން ރެގިއުލަރައިޒް ވުމަށް ހުށަހެޅޭނެއެވެ.

އަދި ވަޒީފާ ދޭނެ ފަރާތެއް ނެތް ބިދޭސީން، ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީ އަށް ހާޒިރުވެ "ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފްތަރު" ގައި ރަޖިސްޓްރީވާން ވާނެއެވެ.

ރެގިއުލަރައިޒް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އައު އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރާނީ ޑިޕްސިޓް ފައިސާ ދެއްކެވުމުންނެވެ. މިފަދަ ފަރާތްތަކުގެ ޑިޕޮސިޓާ ބެހޭ އެންމެހާ ކަމެއް ކުރިއަށް ދާނީ މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 1111

    150،000މީހުން ހަމަކުރުމަކީ ކޮންމެހެން އައުލާ ކަމެއްތަ؟ހަމަ ނޭވާ ލައިގެން ބޭރުތެރޭގަ ނޫޅެވޭވަރުވެފަ މިިިއޮތީ! ދިވެހީންގެ ކަންނެތްކަން ފިލާތޯވެސް އުޅެން ވެއްޖެއެއްނު؟ ތިކަމާހުރެ އަހަރުމެންގެ ކަންނެތްކަވެސް މިވަނީ ބޮޑުވެފަ! ސްކިލްޑްލޭބަރސް އެތެރެ ކުރާއިރު ކިތައް އަންސްކިލްޑް މީހުން އެތެރެވޭތޯ/އެތެރެކުރޭތޯ އެކި ނަންނަކުމުގަ ކަންކަން އެނގޭކަމަށް ހެދިހެގެން/ހައްދައިގެން؟ކިތައް ޑރ ން ކިތައް ޓީޗަރުން އެތެރެރެވޭތޯ ވަގު ސެޓްފިކެޓާ އެކު؟
    ދެން އުފެދޭ ސުވާލަކީ ބަންގާޅީން އެކަނިތޯއޭ ބިދޭސީންނަކީ؟ އެތެރެކުރުން މަނާ ކުރަންވީ 1 އަހަރު ދުވަހަކަށްނޫން! ތިމައްސަލައަށް ހައްލެއް ގެނެވެންދެން އެތެރެކުރުން މަނާ ކުރަންވީ! ތިގޮތަށް ޢަމަލުކުރުމަކީ ތިމަކަށްއޮތް ހައްލެއް ކަމަށް ނުދެކެން. ހައްލަކީ ބިދޭސީން ވީހާވެސް މަދުކުރުން. ބޭނުންވަނީ ބިދޭސީން މަދުކުރުން.

  2. މުފައްކިރު.

    މިހާރުވެސް އުފެދޭ މައްސަލަ އަކީ އެކި އެކި ކުންފުނި ތަކާ އެކި ގޮތް ގޮތުން ހޯދާ ކޯޓާ އަށް މީހުން ރަޖިސްޓްރީ ކޮށް ރަށުތެރެއަށް ދުއްވާލުން. މިފަދަ ބިދޭސީން އެއްފަހަރާ އެކި ތަންތަނުގަ މަސައްކަތް ކޮށްގެން 20 ހާހުން 30 ހާހުން ރުފިޔާ ހޯދާ ގައުމަށް ފޮނުވާ. ބިދޭސީންގެ ކޮންޓްރޯލް ދަށުގަ ކުރުނބާ އަނބު ދޮންކެޔޮ ފަދަ ތަކެތި ހުރީ . އަލަ އޮޅުތަކާއި އަލަތައްވެސް ބިދޭސީންގެ ކޮންޓްރޯލް ދަށުގަ. މިކަން ޙައްލުނުކޮށް ދިވެހިންގެ މުދާ ދިވެހީންނަށް ކޮންޓްރޯލް ނުވެ އެތެރެވެފަ ތިބި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރީ މިސަރުކާރުންނޭ ބުނުން އިކޮނޮމިކް މިނިސްޓަރގެ ބޭނުނުން ފުޅެއްނަމަ އެކަމުން ގައުމަށް ކުރާނެ ފައިދާ އެއް ނެތް .