ޓަގު ބޯޓެއްގައި ފިލަން މަސައްކަތް ކުރަނިކޮށް، އިންޑިއާގެ ޓުޓިކޮރިން އަތުލައިގަތް މައްސަލައިގައި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް މާދަމާ ކްރިމިނަލް ކޯޓުން ހުކުމް އިއްވުމަށް ތާވަލު ކޮށްފިއެވެ.
އެ މައްސަލާގައި ދަޢުލަތުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލާގައި ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 2:00 އަށެވެ.
މި މައްސަލައާ ގުޅޭގޮތުން އިއްޔެ ބޭއްވި އަޑުއެހުމުގައި ދަޢުލަތުން ވިދާޅުވީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން، އަޙުމަދު އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމަށް، ޢަމުރުކޮށްފައިވަނިކޮށް، ޓަގު ބޯޓެއްގެ އެހީގައި ރާއްޖެއިން ބޭރަށް ގޮސް، ފިލުމަށް މަސައްކަތް ކޮށްފައިވާތީ، ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ ނަމްބަރު 1 އަދި 2 އަކާއި ހަވާލާދީ، އެ ދަޢުވާ އުފުލާ ކަމަށާއި، އެ ދަޢުވާ ސާބިތުވެއްޖެ ނަމަ، 4 މަހާއި، 24 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން އަދަބު އިތުރަށް ބޮޑުވާނެ ހާލަތެއް ނާންނާނެ ކަމަށްވެސް ދަޢުލަތުން ވިދާޅުވިއެވެ.
ދަޢުލަތުގެ ފަރާތުން، ދަޢުވާ އިއްވުމަށްފަހު، އެ ދަޢުވާ ސާފުވެއްޖެތޯ، ޝަރީޢަތުން ސުވާލުކުރުމުން އަޙުމަދު އަދީބު ވިދާޅުވީ، ދަޢުވާ ސާފުވެއްޖެ ކަމަށާއި، އަދި އެއްވެސް މީހެއްގެ މަޖުބޫރު ކުރުމެއްނެތި، އެކަމަށް އިޢުތިރާފު ވާ ކަމަށެވެ.
އަދީބު ފިލަން މަސައްކަތްްކޮށްފައިވަނީ "ވާގޯ 9" ނަމަކަށް ކިޔާ ބޭރުގެ ޓަގު ބޯޓެއްގަ އެވެ. ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ އެ ބޯޓުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރައްވަނިކޮށް އަދީބު ހިފެހެއްޓީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުންނެވެ.
ތިކަމެއްނޫން ފުރަތަމަބަލަންވީ ކުއްވެރިޔަކު ރައީސްޔާމީންއާ ދެކޮޅަށް ހެކިބަސްދިންމައްސަލަ ފުރަތަމަބަލާބަލަ .
ތިކަމުގައި މާބޮޑު ޙުކުމެއް އަންނާނެކަމަށް ނުފެނޭ، ރާވައިގެން ކުޅޭ ގޭމެއްތީ
އަދީބުފިލީތަ ނުނީ ފިލުވީތަ ފިލުވިކަމަށް ވާނަމަ އެކަން ކުރުވިމީހުންނަށްވެސް އަދަބު ލިބެން ޖެހޭނެ