ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާގެ ސަބަބުން މަރުވި، ޒިޔާދާ ނައީމްގެ މައްސަލައިގެ އިސްތިއުނާފީ މަރުހަލާ ލަސްވެފައިވާތީ ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދުންޔާ ކޮށްފައިވަ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ސަރުކަރަކީ އަންހެނުންގެ ހައްގުތަކަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ވަކާލާތުކުރި ސަރުކާރެއް ކަމަށާއި އެހެން ނަމަވެސް އެފަދަ މައްސަލަތަކަށް އިސްކަންދޭ މަންޒަރު އަދި ފެނިގެން ނުދާކަމަށެވެ. މި ސަރުކާރުގެ ދުވަސްތަކެއްވެސް ފާއިތުވެގެން ގޮސްފައިވާކަމަށާއި އަދިވެސް އިންތިޒާރުކުރައްވަނީ ޒިޔާދާގެ މަރުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް ބައްލަވާނެ ދުވަހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި، އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅައިފައެވެ.

ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ ނިޔާވީ 2015 ވަނަ އަހަރުގެ ޑިސެންބަރު 28 ވަނަ ދުވަހު އެވެ.

ތިނަދޫ ޖަވާހިރުމާގޭ ހުޅަނގުބައި އިބްރާހީމް ޝާހުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މާޗް މަހުގެ މަހުގެ 21 ވަނަ ދުވަހު އެވެ.

ޝާހްގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލިއެވެ. އެ ހަތަރު ދައުވާ އަކީ، އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އަދި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ. އާންމުކޮށް ބަދުއަހުލާގީ މައްސަލަތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުން ގެންދާ އުސޫލުން މި މައްސަލާގެ ޝަރީއަތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު ކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން ޝާހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަނެއްކާވެސް ޝަރުއީ ދާއިރާއަށް އަމާޒުވެފަ އެވެ.