އިންޑިއާގެ ޕަބްޖާބްގައި ހުންނަ ލަވްލީ ޕްރޮފެޝަނަލް ޔުނިވަސިޓީން ހިންގި ބެޗްލަރ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަން ކޯހުން އެއްވަނަ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ހުސައިން ފިރާޒް ހޯއްދަވައިފިއެވެ.

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ހުސައިން ފިރާޒް އަކީ ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ފުލުހެކެވެ. 2016 ވަނަ އަހަރު މަތީތައުލީމް ހާސިލްކުރަން އިންޑިއާ އަށް ފުރައިވަޑައިގެންނެވުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން އޭނާ ފުލުހުންގެ މީޑިއާ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. އަދި މިއަހަރު ކޯސް ނިންމާފައި ރާއްޖެ ވަޑައިގެން ވެސް މަސައްކަތް ކުރެއްވީ ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓްގައެވެ.

ފުލުހުން މިއަދު ވިދާޅުވީ 2016 ވަނަ އަހަރު 2019 އަށް އިންޑިއާގެ ޕަންޖާބުގައި ތިން އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި އެކި ގައުމުތަކުން 100 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއިރު ހުސައިން ފިރާޒް ހޯދާފައި ވަނީ އެކަޑަމިކް ޓޮޕަރސް އެވޯޑެވެ. އެއީ މުޅި ކޯހުން އެއްވަނަ އެވެ.

އިއްޔެ ބޭއްވި އެ ޔުނިވަސިޓީގެ 10 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ސުރީނާމްގެ ނައިބު ރައީސް މައިކަލް އަޝްވިން ސަތިޔަންދަރެ އަދިން އެވެ.

މިރަސްމިއްޔާތުގައި 12000 އަށް ވުރެ ގިނަ ދަރިވަރުން ސެޓްފިކެޓް ހާސިލް ކޮށްފައިވެއެވެ. އެ ޔުނިވަސިޓީގައި އެކި ގައުމުތަކުން 30000 އަށްވުރެ ގިނަ ދަރިވަރުން މިހާރު ވެސް ދަނީ ތައުލީމް ހާސިލް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްމަޑޭ

    މަރުހަބާ ފިރާޒް

  2. ކާފަބޭ2019

    ޕޮލިސްބޭފުޅަކަށްވާތީ މަރުޙަބާކިޔާލާނެމީހަކުވެސްނެތް ސިޔާސީމީހަކުނަމައަކުންބަކުންކުޅެގެންސެޓިފިކެޓެއް އަމިއްލަށްހެދިޔަސް މަރުޙަބާކިޔާމާބޮނޑިފޮނުވާހަދާނެ މަރުޙަބާމަރުޙަބާ

  3. ފަޅޯ

    ލޯބިވާގޮތްކިޔަވާދޭތަނެއްތަތީ..