ފްރީޑައިވް ރިކޯޑް ހެދުމަށް އެންމެ ގިނަ ފްރީޑައިވަރުން އެއް ތަނަކަށް ޖަމާވެ ބާއްވާ ޑައިވް ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

"ނޭވާ" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގައި ބަރޮސް މޯލްޑިވްސްގެ ފަޅު ތެރޭގައެވެ. މި ހަރަކާތުގައި 500 ވަރަކަށް ޑައިވަރުން ބައިވެރިވާނެ ކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިހަރާކަތުގައި ދުނިޔޭގެ ފްރީޑައިވިން ޗެމްޕިއަން ވިލިއަމް ޓްރޫބްރިޖް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ވަކި ޝަރުތުތަކެއް ހިމެނިގެންވެއެވެ. އެގޮތުން 30 ސިކުންތައް ނޭވާ ހިފަހައްޓާލުމާއި ތިން މީޓަރު އަޑި އަށް ފްރީޑައިވް ކުރެވުމާއި 50 މީޓަރުގެ ދުރުމިނަށް ފެތުމާއި އާއްމު ފިޓްނަސް ލެވެލް ރަނގަޅުވުން ހިމެނެއެވެ.

ރާއްޖެއިން ދުނިޔޭގެ ރިކޯޑް ފްރީޑައިވް ރިކޯޑް މުގުރާލަން ތައްޔާރުވެފައިވާއިރު މިހާރު އެ ރިކޯޑް އޮތީ އިޓަލީގައެވެ. އެއީ 2009 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހު 280 މީހުންނާ އެކު ކޮށްފައިވާ ފްރީޑައިވްއެކެވެ.

ކިޔުންތެރިންގެ ހިޔާލު