ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ނައިބު ރައީސް ވަންގް ގިޝާންއާއި މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

ބެއިޖިންގެ ޒިގުއަން ޕެވީލިއަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ނައިބު ރައީސް އާއި މިނިސްޓަރު ޝާހިދު ވަނީ ދެގައުމުގެ ގުޅުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ޗައިނާއަށް އައިސްފައިވާ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ޗައިނާ ސަރުކާރަށް މަރުޙަބާ ދެންނެވިއެވެ. އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި މަރުޙަބާ ވިދާޅުވެ، "ވަން ޗައިނާ ޕޮލިސީ" ދިވެހި ސަރުކާރުން ހިފަހައްޓާނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ތަރައްޤީގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއްކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ޗައިނާގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ދިވެހިރާއްޖެއަކީ މުހިއްމު ގައުމެއްކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން އިތުރަށް މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ޗައިނާއަށް ވަޑައިގެންފައި މިވަނީ ރަަސްމީ ދަތުރުފުޅެއްގައެވެ. މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލް، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު، ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު އަދި އެސިސްޓަންޓް ޑިރެކްޓަރ މަރިޔަމް ބައްސާމާ ފާރޫޤެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުއްބުތަލޯ

    އެތާހުރޭތަ ނައިބު ރައީސް އެއް

  2. މުފައްކިރު.

    ބައްދަލު ވުމުގެ ފޮޓޯ އަށް ބަލާއިރު ދެބޭފުޅުން ޚާއްސަކޮށް ޝާހިދު ވަރަށް ބޮޑަށް މާޔޫސްވެ އިންނެވި ތަން ފެންނަނީ.