މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ އަބްދުﷲގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވިދާޅުވެއްޖެއެވެ.

މިފަދައިން އެންއައިސީ އިން ވިދާޅުވެފައިވަނީ ރިޟްވާންގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް އޭނާގެ އާއިލާއިން ފަސް އަހަރު ކުރިން ހުށަހެޅި މައްސަލައެއްގެ ޖަވާބުގައެވެ.

އެންއައިސީގެ ލިޔުމުގައި ވިދާޅުވެފައިވަނީ ރިޟްވާން ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރުމުގައި އެ ސާވިސް އިން މިހާތަނަށްކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ތަހުގީގު ކުރުމުގައި އިހުމާލެއްވެފައިވާ ކަން އެނގޭ އެއްވެސް ހެއްކެއް ގަރީނާއެއް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން މި މައްސަލާގައި ފުލުހުންގެ އިހުމާލެއް ނުވާ ކަމަށް ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެންއައިސީ އިން މިފަދައިން ވިދާޅުވެފައިވާއިރު މަރުތަކާ ބެހޭ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި އިންޓެލް ފަސް ފުލުހެއްގެ ވާހަކަ ބުނެފައިވެއެވެ.

މަރުތަކާބެހޭ ކޮމިޝަނުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ، ދީނީ ހަރުކަށި ޖަމާއަތަކަށް ނިސްބައްވާ ބަޔަކު ރިޟްވާން ރަހީނު ކުރުމަށްފަހު ކަނޑު އުޅަނދަކަށް އެރުވުމަށްފަހު މަރާލާފައިވާ ކަމަށެވެ.