ސްޓެލްކޯ އިން އުފައްދާ ކަރަންޓުގެ ދެބައިކުޅަ އެއްބައި ސޯލާ ހަކަތަ އަށް ބަދަލުކުރުމުގައި އެހީވާން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗެންގްޔުވާން (ސީވައިޖީ)އާ ހަވާލުކޮށްފިއެވެ.

މިއަދު އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣްނީއެވެ. ސީވައިޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ވޫ ޑިއަންފެން އެވެ.

މުޣްނީ ވިދާޅުވީ، ސޯލާ ހަކަތަ އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގައި ބޭނުންވާ ތަކެތި ޗައިނާގެ ކުންފުނިން ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން މި ކުންފުނިން ދިރާސާ ކުރުމަށް ފަހު ބޭނުންވާ ސާމާނު ސަޕްލައި ކުރާނެ ކަމަށާއި، ސްޓެލްކޯ އިން އެ ތަކެތި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ހަވާލުކޮށް، ސެޓެލްކޯއާ ގުޅިގެން މި އެއްޗެހި އިންސްޓޯލް ކުރެވޭނެ ގޮތް ހަދާނެ ކަމަށް މުޣްނީ ވިދާޅުވިއެވެ.

މުޣްނީ ވިދާޅުވީ، މި ޕްރޮޖެކްޓު ފެށުމުގެ ގޮތުން އއ. އުކުޅަހުގައި ބޭނުންކުރާ ހަކަތަ 100 ޕަސެންޓަށް ހަދަން މަސައްކަތްކުރާނެ ކަމަށެވެ.