ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މެރުމަށް ހުކުމް ކޮށްފައިވާ ހ. ލޮބީ ހުސެއިން ހުމާމް ދޫކޮށްލުމަށް އ.ދ ގެ އިންސާނީ ހައްގުތަކާބެހޭ ކޮމެޓީއިން ނިންމާފައި އޮތް ކަން ދިވެހި ސަރުކާރަށް އެނގިފައި ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ވިދާޅުވެފައިވަނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު މިކަމާއި ގުޅިގެން ރައީސް އާއި ސުވާލު އަމާޒު ކުރެއްވުމުންނެވެ. ހުމާމް ދޫކޮށްލުމަށް ބައެއް ފަރާތްތަކުން ޕްރެޝަރު ކުރަމުން ދާއިރު ރައީސް އަށް އެކަމާ ގުޅިގެން އެއްވެސް ޕްރެޝަރެއް އެބައޮތް ތޯ ނޫސްވެރިޔާ ސުވާލުކުރިއެވެ. "ރަސްމީކޮށް ސަރުކާރަކަށް ނެތް އެއްވެސް ލިޔުމެއް އައިސްފައި މިކަމާ ގުޅިގެން. ހުމާމްގެ މައްޗަށް ކުށެއް ސާބިތުވެ އެ ހުކުމް ތަންފީޒު ކުރަމުން، އަދި އެ މައްސަލަ އޮތީ އެޕީލް ޕްރޮސެސްގައި އަދި ނުނިމި.." ރައީސް ޖަވާބުގައި ވިދާޅުވިއެވެ.

ރައީސް މިގޮތަށް ޖަވާބު ދެއްވުމާ ގުޅިގެން އދ. ގައި މަސައްކަތް ކުރައްވާ ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދު ވަނީ ރައީސް ގެ އެވާހަކަފުޅު ކުށްވެރި ކުރައްވައި ޓުވީޓެއް ކުރައްވާފައެވެ. ޑރ. ޝަހީދު ގެ ޓުވީޓުގައި ރައީސް އެގޮތަށް ވިދާޅުވެއްޖެނަމަ އެއީ މެރުމަށް ހުކުމް ކޮށްފައި ހުރި މީހަކާ މެދު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ނިންމާފައިވާ ނިންމެވުމަށް ގަސްދުގައި ހިލާފު ވެވެނީ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޞާލިހުގެ ސަރުކާރަށް 100% ސާފުކޮށް އދ. ގެ އެ ނިންމުން އެނގޭ ކަމަށާއި، ހުމާމްގެ މައްސަލައިގައި އޭނާ އާއި ދޭތެރޭގައި އަމަލު ކުރަންޖެހޭ ގޮތް ނޭނގޭ ކަމަށް ދެއްކޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ވިދާޅުވިއެވެ.

ޑރ. ޝަހީދު ވަނީ 13 މާރޗު 2019 ވަނަ ދުވަހުގައި އެ މައްސަލައިގައި ނިންމާފައި އޮތް ލިޔުމެއް އަދިވެސް ދިވެހި ސަރުކާރަށް ނުލިބެނީ ތޯ ސުވާލުކޮށްފައެވެ. އަދި ރައީސް އަށް އެކަން ނޭނގެންޏާ އެ ކަމުގައި އިހުމާލުވީ ކޮން ބައެއްތޯ އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގައި ހިނގާ ރާއްޖޭގެ މައްސަލައަކަށް ފަރުވާކުޑަ ކުރީ ކީއްވެތޯ ސުވަލުކުރައްވާފައި ވެއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އިން ހުމާމްގެ މައްސަލައިގައި ނިންމާފައިވާ ނިންމުމުގައިވާ ގޮތުން ޝަރީޢަތުގެ މަރުހަލާ ގައި ހުމާމް އަށް ގާނޫނީ ގޮތުން ލިބިދޭންޖެހޭ ހައްގުތައް ލިބިދީފައި ނުވާތީ ދިވެހި ސަރުކާރުގެ މައްޗަށް ވަނީ ހުމާމް އަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް، އޭނާ ވަގުތުން ދޫކޮށްލުމަށް ބަޔާންކޮށްފައެވެ. އަދި ސަރުކާރަށް އެއީ އެންމެ އެކަށޭނެ ގޮތަކަށް ފެންނަ ނަމަ ހުމާމްގެ މައްސަލައިގައި އާ ތަހުގީގެއް ކުރިއަށް ގެންދިޔުމަށް ބަޔާން ކޮށްފައި ވެއެވެ. ތަހުގީގެއް ކުރުމުގެ ކުރިން ހުމާމްގެ އެއްވެސް ނަފްސާނީ މައްސަލެއް ހުރިތޯ ބެލުމަށް ޓެސްޓުތައް ހެދުމަށް ވެސް ބަޔާން ކޮށްފައި ވެއެވެ. އަދި ހުމާމްގެ މައްސަލައިގައި އޭނާ އާ ދޭތެރޭ ކަންތައް ހިނގާފައިވާ ގޮތުގެ ބަދަލެއްގެ ގޮތުން އޭނާ އަށް ސަރުކާރުން ބަދަލް ދިނުމަށް އދ. ގެ އެ ނިންމުމުގައި ވެއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީ 2012 ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަވަހާރަ ކޮށްލި މައްސަލައިގައި ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވީ 16 ޖެނުއަރީ 2014 ވަނަ ދުވަހުގައެވެ. އެ ނިންމުން ވަނީ ރާއްޖޭގެ ހައި ކޯޓުގައި އަދި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކޮށް، މަރުގެ ހުކުމް ހުމާމްގެ މައްޗަށް ދަމަހައްޓާފައެވެ.