ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޓެރެރިޒަމްގެ ޤާނޫނު މިހާތަނަށް ބޭނުންކޮށްފައިވަނީ ސިޔާސީ ވާދަވެރިންނަަށް އަމާޒުކުރައްވައިގެން ކަމަށް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވުމަށް، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިހާރުވެސް އަޅުގަނޑުމެން އެ ފޮނުވާފައި އޮތް ލިޔުން ބައްލަވާލެއްވީމަ، ރަނގަޅަށް އެނގިވަޑައިގަންވަނާނެ އެ ޤާނޫނަށް ބަދަލުގެނައުމަށް މި އުޅެނީ ކޮންބޭނުމެއްގައިކަން. އެހެންނަމަވެސް، ބައެއް ބޭފުޅުންގެ ކަންބޮޑުވުން އެ ހުންނަނީ މިހާތަނަށް އެ ޤާނޫނު ބޭނުންކޮށްގެން ހިންގާފަހުރި ކަންތައްތަކާއި ކަންބޮޑުވާތީ. އެނގިވަޑައިގަންނަވާނެ ޓެރެރިޒަމްގެ ޤާނޫނު މިހާތަނަށް ބޭނުންކޮށްފައި ހުރީ ހަޤީޤީ ޓެރެރިސްޓުންނަކަށް ނޫން. އެ ޤާނޫނު މިހާތަނަށް ބޭނުންކޮށްފައިހުރީ ސިޔާސީ ވާދަވެރިންނަށް. އޭގެ ގެއްލުން އައީ ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ވެރިންނަށް." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ޓެރެރިޒަމްގެ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާޙުތަކާއި ގުޅިގެން އެމްޑީޕީ ޕާރލިމެންްޓްރީ ގްރޫޕާއި އެކު މަޝްވަރާކުރައްވާނެ ކަމަށާއި، އެއްވެސް ހާލަތެއްގައި ނަހަމަ ގޮތުގައި އެ ޤާނޫނުގެ ބޭނުން ނުކުރައްވާނެ ކަމަށެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަނިއްޕުޅު

    ÷ވައުދުންތަރައްގީ ވާމުންދާތަން ފެއްނަމުން އެބަދޭ!