ވަޒީފާގެ ބިރުވެރިކަން އޮތީ އެމަނިކުފާނުގެ ސަރުކާރުގައި ނޫން ކަމަށާއި، އެ ބިރުވެރިކަން އޮތީ މިހާރުގެ ސަރުކާރުގައި ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެއެވެ.
ރައީސް ޔާމީން މިގޮތަށް ވިދާޅުވެފައި ވަނީ މ. އަތޮޅަށާއި ފ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މ. ކޮޅުފުށީގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑަށް އެނގޭ މިތަނަށް އަޅުގަނޑުމެންނަށް ތާއީދު ކުރާ ސަރުކާރުގެ އެކި ކުންފުނިތަކާއި މަގާމްތަކުގެ ތިބި މީހުން އައިސްފިއްޔާ ވަޒީފާއިން ވަކި ކުރާނެކަން. އަޅުގަނޑު ނުދަންނަވާނަން އަޅުގަނޑުމެންނާ އިސްތިޤްބާލު ކުރަން އަންނަން. އަޅުގަނޑުމެން ޖަލްސާއެއް ބާއްވާއިރު ކޮންމެ ރެޔަކު އިދިކޮޅު މީހުން ބުނާނެ ކުންފުނިތަކުން މީހުން ގެންނަނީ މަޖުބޫރު ކޮށްގެންނޭ. އޭރުތޯ މަޖުބޫރުކުރީ ނޫނީ މަޖުބޫރު ކުރާ ކަންތައް މިހާރު ތޯ ފެންނަނީ. އަޅުގަނޑުމެން މަޖުބޫރު ނުކުރަން އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ކުރާކަށް." ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ޤާނޫނީ ހަމަހަމަކަން މަތީގައި ޖިނާޢީ ކަންކަމުގައި ހުރިހާ އެންމެންގެ މައްޗަށް އެއް ޤާނޫނެއް ހިންގޭތޯ ބެއްލެވި ކަމަށެވެ. "މިއަދު ކިތަންމެ ވަރަކަށް އެ ވާހަކަ ދެއްކިއަސް އެ ކަން ވަނީ އެހެންނަކުން ނޫން. މިއަދު ވަޒީފާ ލިބެނީކީވެސް އެއްގޮތަކަށްވެސް ޢިލްމީ ޤާބިލުކަން ހުރެގެން ނުވަތަ ވަޒީފާގެ ޝަރުތުތައް ހަމަވެގެން ތިބޭ މީހުންނަކަށް ނޫން ވަޒީފާ ލިބެނީކީ. ވަކި ފިކުރެއްގެ މީހަކަށް ވާތީ ވަޒީފާ ލިބޭއިރު، އެއަށްވުރެ މާ ފަންނީ، ޢިލްމީ ޤާބިލުކަން ތިބި މީހުން ކުރިމަތިލާއިރު ވަޒީފާ ނުލިބޭ." ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންގެ ކައިރިއަށް ވެރިކަމަށް އަންނަންވެގެން ހުރިހާ ހަނދުތައްވެސް ރައްޔިތުންގެ އުނގުތަކަށް ގެނެސްފައިވާ ކަމަށާއި އެބޭފުޅުންނަށް މިއަދު ސަރުކާރުގެ ދިފާޢުގައި ދެއްކޭނެ ވާހަކައެއް ނެތީމަ މިހާރު ދައްކަން ޖެހެނީ ޑިމޮކްރެސީގެ ވާހަކަ އެކަނި ކަމަށް ވިދާޅުވެ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

"ރިޝްވަތާއި، ފަސާދަ އާއި އަދުލުވެރިކަން ގައުމަކުން ގެއްލިގެންދާ ތަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެކަންކަން ނެތި ޑިމޮކްރެސީ އެއް ނޯންނާނެ، ޑިމޮކްރެސީ އެއްގެ ވެސް އެންމެ މުހިއްމު އަސާސަކީ އެންމެންނަށް މަދަނީ ހައްގުތައް ހަމަހަމަ ކޮށް އޮތުން. އެންމެންނަށް އެއް ފުރުސަތު ތަކެއް އޮތުން" ރައީސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު