އޯފް ރޯޑް ފިހާރަ ކައިރީގައި ހުންނަ އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި، އަލިފާންގަނޑު އެސަރަހައްދުގެ ބައެއް އިމާރާތްތަކަށް ފެތުރި، ރޯވި ހަތްބުރީގެ އިމާރާތެއްގެ ހަބުރި މިހާރު އަނދާ ހުލިވަމުންދާ ކަމަށާއި، އެއިމާރާތުގެ ހަތްވަނަ ބުރިން ވެސް ދުން އަރަމުންދާ ކަމަށް އެސަރަހައްދުގައި ތިބި ނޫސްވެރިން ބުނެފިއެވެ.

އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ މަންޒަރެއް ނުފެނެއެވެ. ނަމަވެސް އެމްއެންޑީއެފް އިން ދެންމެ ވިދާޅުވީ މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އެއާޕޯޓްގެ ވެހިކަލްތައް އަލިފާން ނިއްވުމަށް އަންނަ ކަމުގެ މައުލޫމާތު މީގެ ބައިގައެއްހާއިރު ކުރިން ލިބުނު ނަމަވެސް އަދިވެސް އެއާޕޯޓުން ވެހިކަލްތައް ނާންނަކަމަށް އެސަރަހައްދުގައި ތިބި ނޫސްވެރިން ބުނެއެވެ.

އަލިފާން ރޯވެފައިވާ އިމާރާތްތަކުންނާއި، އަލިފާނުގެ އަސަރު ކުރަމުންދާ އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ކުރަމުން އެބަގެންދެވެ. ދުމުގެ އަސަރު ކޮށްގެން ބައެއް މީހުން އެސަރަހައްދުން ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ފެނިފައިވެއެވެ.

ފުލުހުން އައިސް އަލިފާން ރޯވެފައިވާ ސަރަހައްދާއި ވަރަށް ދުރަށް މިހާރު ނޫސްވެރިން ނެރެފައިވާތީ އެސަރަހައްދުން މައުލޫމާތުތައް ސާފުކުރުމުގައި ދަތިތަކެއް އަންނަނީ ދިމާވަމުންނެވެ.

ހަތް ބުރީގެ އިމާރާތެއްގައި އަލިފާން ރޯވެ، އަނދާ ހުލިވަމުންދާއިރު އެސަހައްދުގައި ހުރި އެސަރަހައްދުގައި ހުރި ދެތިން ބުރީގެ އިމާރާތެއް ވެސް މިހާރު ވަނީ އަނދާ ހުލިވެފައެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅޭ ފަހުގެ މައުލޫމާތު ލިބޭނެ ބްލޮގް