މިވަގުތު އަބަދަށްފެހި މަގުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ދުމުގެ އަސަރު ކުރާ ހިސާބުތަކުގެ ގޭގޭގައި، ގޭތެރެޔަށް ދުން ނުނަވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު ކަމަށެވެ.

ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތަށް ހުންނަ ފަރާތްތަކާއި، ހިތުގެ ބަލިތަށް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާތެރިވެދާނެތީ އެފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައެވެ.

"ދުމުގެ އަސަރު ކުރުމުން ފެންނާނެ އަލާމަތްތަކުގެ ތެރޭގައި ކެއްސުން، ލޯރަތްވެ ފެން އައުން، ނޭވާލާން އުނދަގޫވުން އަދި އަޑު ދިއުން ހިމެނޭ" އެޗްޕީއޭގެ ޓްވީޓެއްގައި ވެއެވެ.

އަލިފާނުގެ އަސަރުކޮށް ފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ތަނެއްގެ ގޮތުގައި ކަލާފާނު ސްކޫލް ވަނީ މިހާރު ހަމަޖައްސާފައެވެ. ހުރިހާ އާއިލާތަކެއްގެ ފަރާތްތައް ކަލާފާނު ސްކޫލަށް ދިއުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އެދެއެވެ.

އަލިފާން ރޯވިތާ ގާތްގަނޑަކަށް ދޮޅު ގަޑިއިރު ވެފައިވާއިރު އަދިވެސް އަލިފާން ކޮންޓްރޯލެއް ނުކުރެވެއެވެ. މިހާރު ވެސް ގިނަ އިމާރާތްތަކެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. ބައެއް މީހުންނަށް އަނިޔާ ވެގެން ހޮސްޕިޓަލަށް ވެސް ވަނީ ގެންގޮސްފައެވެ.