އޯފް ރޯޑް ފިހާރަ ކައިރީގައި ހުންނަ އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި، އަލިފާންގަނޑު އެސަރަހައްދުގެ ބައެއް އިމާރާތްތަކަށް ފެތުރެމުން ދާތީ އަދިވެސް ވަރަށް ގިނަ އަދަދެއްގެ ގެތަކުން މީހުން ހުސްކުރަމުން އެބަގެންދެއެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ތިބި "ވަގުތު" ގެ ނޫސްވެރިން ބުނާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގެ ވަށައިގެން ހުރި ގެތަކުން ގިނަ ބަޔަކު ނިކުމެ، ރައްކާތެރި ހިސާބުތަކަށް ބަދަލުވަމުންދާ ކަމަށެވެ.

"ބައެއް މީހުން ހުރިހާ އެއްޗެއް ދޫކޮށްލުމަށް ފަހު ހުސްއަތާ ނިކުންނަމުން ދަނީ. އަނެއް ބަޔަކު ފޮށި ހިފައިގެން ވެސް ނިކުންނަ މަންޒަރު އެބަފެނޭ." އެސަރަހައްދުގައި ހުރި ނޫސްވެރިޔަކު ބުންޏެވެ.

ނަމަވެސް އެސަރަހައްދުގެ ބައެއް އިމާރާތްތަކުގައި ދިރިއުޅޭ ބިދޭސީން ގެންދަނީ އެމީހުން ބޭނުން ކުރާ ތަކެތި ދޫކޮށްލުމަށް ފަހު ނިކުންނަން ދެކޮޅު ހަދަމުންނެވެ.

އަލިފާނުގެ އަސަރުކޮށް ފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ތަނެއްގެ ގޮތުގައި ކަލާފާނު ސްކޫލް ވަނީ މިހާރު ހަމަޖައްސާފައެވެ. ހުރިހާ އާއިލާތަކެއްގެ ފަރާތްތައް ކަލާފާނު ސްކޫލަށް ދިއުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އެދެއެވެ.

އަލިފާން ރޯވިތާ ގާތްގަނޑަކަށް ދޮޅު ގަޑިއިރު ވެފައިވާއިރު އަދިވެސް އަލިފާން ކޮންޓްރޯލެއް ނުކުރެވެއެވެ. މިހާރު ވެސް ގިނަ އިމާރާތްތަކެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. ބައެއް މީހުންނަށް އަނިޔާ ވެގެން ހޮސްޕިޓަލަށް ވެސް ވަނީ ގެންގޮސްފައެވެ.