ބައިނަލް އަޤްވާމީ ފެންވަރުގައި ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހިމް މާދަމާ ލަންކާއަށް ފުރައިވަޑައިގަންނަވާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

މި ރަސްމިޔާތު އޮންނާނީ މިމަހުގެ 06 އިން 07 ވަނަ ދުވަހުގެ ނިޔަލަށް ލަންކާގެ ކޮލަންބޯގައެވެ.

މި ރަސްމިއްޔާތު ފައްޓަވައިދެއްވާނީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ކަމަށް ހެލްތު މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ. ރަސްމިއްޔާތު ފެއްޓެވުމަށްފަހު މިއަހަރުގެ ދުނިޔޭގެ ސިއްޙަތު ދުވަހުގެ ޝިޔާރުކަމުގައިވާ "ހެލްތު ފޯ އޯލް" މި ޝިޔާރުގެ ދަށުން ސުކޫލުތަކުގެ ދަރިވަރުންނަށް ދާއިރާއާއި ގުޅޭ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ހެލްތު މިނިސްޓްރީ އިން ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީ އިން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް 70 އަހަރު ފުރޭ އަހަރުކަމުން މި ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް އަދި ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގް ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.