އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ފުރުސަތު ހުޅުވާލުމާއި އެކު ގިނަ ބަޔަކު އެހީގެ ތަކެތި ހަދިޔާ ކުރަން ކިއު ހަދައިފިއެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަލާފާނު ސްކޫލް ކައިރީގައި މިހާރު ގިނަ އަދަދެއްގެ ބަޔަކު އެހީގެ ތަކެތި ހަދިޔާކުރަން ގޮސް އެބަތިއްބެވެ.

އަލިފާނުގެ ހާދިސާ ހިނގުމާއި އެކު ވަރަށް ގިނަ އާއްމުން އަމިއްލަ އަށް އިސްނަގައިގެން މީހުންނަށް އެހީތެރިވުމާއި، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ އިމާރާތްތަކުން އެއްޗެހި ހުސްކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނުނެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް މީހުން ވަނުން ހުއްޓުވުމުގައި ވެސް ސަލާމަތީ ބާރުތަކަށް ވުރެ ބޮޑަށް މިރޭ ހަރަކާތްތެރިވީ އާއްމުންނެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރެޑްކްރޮސެންޓާއި އެއްބާރުލުން ދެމުންދާ މަމްސް އެންޖޯއީގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ހުރިހާ ބާވަތެއްގެ ތަކެތި ވެސް އެހީގެ ގޮތުގައި ބޭނުންވާ ކަމަށެވެ. އެގޮތުން ކާއެއްޗެއްސާއި، ފެނާއި، ބެޑްޝީޓް، ނެޕީ، އަދި ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަންނައުނު އެހީގެ ގޮތުގައި ބޭނުންވާ ކަމަށް އޮފިޝަލް ބުންޏެވެ.

އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 7449656 ނުވަތަ 9976766 ނަމްބަރު ފޯނަށް ގުޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެދެއެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ 50 އަށް ވުރެ ގިނަ މީހުން ކަލާފާނު ސްކޫލްގައި މިހާރު ވެސް އެބަތިއްބެވެ. މިއަދަދު އަދިވެސް އިތުރުވުން އެކަށީގެންވެއެވެ.

މީގެ ކުރިން ވެސް ހިނގި މިފަދަ ހާދިސާތަކާއި ގުޅިގެން ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމުގައި ދިވެހިން ވަނީ ނަމޫނާ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔަތު މީހާ

    ދިވެހިންނަކީ މިކަހަލަ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކާ ބައެއް. އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ބަރަކާތް ލައްވާށި! ހާލުގައި ޖެހިފައިވާ އާއިލާތަކަށް އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި!

    15