ގ. ފެހިއާބާދުގޭގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން އޭޑީކޭގައި 27 މީހަކު އެޑްމިޓްކޮށްގެން ފަރުވާދެމުން ދަންނަ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިރޭ ވިދާޅުވީ، އޭޑީކޭގައި 27 މީހަކު އެޑްމިޓް ކޮށްފައިވާ ކަމަށާއި 50 އަށް ވުރެ ގިނަ މީހުން ކަލާފާނު ސްކޫލުގައި އެހީ އަށް އެދިފައިވާ ކަމަށެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ކުރިން ވިދާޅުވިގޮތުގައި، އޭޑީކޭ ހޮސްޕިޓަލްގައި 50 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދީފައި ވެއެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ދޫކޮށްލާފައެެވެ.

މީގެ އިތުރުން އައިޖީއެމްއެޗް ހޮސްޕިޓަލުގައިވެސް 15 މީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.

މިރޭ 7:30 ހާއިރު ފުރަތަމަ ރޯވެފައި ވަނީ ކެމިކަލް ގުދަނެއްގައެވެ. އެ ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، އެތައް ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ.

މި ހާދިސާ ހިނގަން މެދުވެރިި ސަބަބު ކަށަވަރުވެފައެއް ނުވެއެވެ.