މިރޭ އައްޑޫ ސިޓީ ހުޅުދޫގައި އުމުރުން 70 އަހަރުގެ މީހާއަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވަމުން ވިދާޅުވީ، މި މައްސަލައިގައި ދެ މީހަކަށް ތުހުމަތު ކުރެވިފައިވާ ކަމަށާއި، އޭގެތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މައްސަލައިގެ ތަހުޤީޤު ފުލުހުން މިހާރު ކުރަމުންދާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުދޫގައި މިރޭ އުމުރުން 70 އަހަރުގެ މީހާއަށް ބަޔަކު ހަމަލާދީފައި ވަނީ ވަޅިންނެވެ. އޭނާއަށް ހަމަލާ ދިނުމަށްފަހު އޭނާގެ އަތުން އެމީހުން ވަނީ ފައިސާތަކެއް ފޭރިގެންފައެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކާ އަނިޔާ ކުރުމަށް ފަހު އެމީހާ އަތުން ފޭރިގެންފައިވާ މައްސަލައެއް މިރޭ 21:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިފޭރުމުގައި އަނިޔާ ލިބުމު މީހާ މިހާރު ވަނީ ހުޅުދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް މިހާރު ފަރުވާ ދެމުންދާ ދާއިރު، އޭނާގެ ހާލަތާއި ގުޅޭ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ހުޅުދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އަންހެން މީހާ އަކީ އެކަނި ދިރިއުޅޭ މީހެއް ކަމަށާއި އޭނާ އަށް ހަމަލާދިނީ ގޭގައި ހުއްޓާ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެގެއަށް ވަދެ ކަމަށެވެ.

މައުލޫމާތު ދިން މީހާ ބުނީ އަންހެން މީހާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށާޢި އެންމެ ބޮޑަށް އަނިޔާވެފައި ވަނީ އަންހެން މީހާގެ އަތައް ކަމަށެވެ. ވަޅި ޖަހާފައި ވަނީ އަންހެން މީހާގެ އަތަށެވެ. އޭގެ އިތުރުން ލޮލަށް ވެސް ވަނީ ވަރަށް ބޮޑަށް އަނިޔާ ވެފައެވެ.